ޓޮޓެންހަމް އާއި ސިޓީ އަށް މޮޅެއް، ޔުނައިޓެޑް އެއްވަރު

ޓޮޓެންހަމް އާއި ސިޓީ އަށް މޮޅެއް، ޔުނައިޓެޑް އެއްވަރު

Author
ޔޫސުފް
27 ފެބްރުއަރީ 2022 01:55
0

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޓޮޓެންހަމް އަދި މެންޗެސްޓަރ ސިޓީ މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ޕްރިމިއާ ލީގުގައި ޓޮޓެންހަމް ވަނީ ލީޑްސް ޔުނައިޓެޑްގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އަދި މެންޗެސްޓަރ ސިޓީން 1-0 ގެ ނަތީޖާއަކުން އެވަޓަން ބަލިކުރި އިރު، މެންޗެސްޓަރ ޔުނައިޓެޑް ވަނީ ވަޓްފޯޑް އާއި ވާދަކޮށް 0-0 އިން އެއްވަރުވެފައެވެ.

ޓޮޓެންހަމް އާއި ލީޑްސް ބައްދަލުކުރި މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މެޓް ޑޮހަޓީ ވަނީ ލަނޑެއް ޖަހާ ޓޮޓެންހަމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޑޭޖާން ކުސުލެވްސްކީ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޓޮޓެންހަމުން ޖެހި ތިންވަނަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ހެރީ ކޭންްއެވެ. އަދި ހަތަރު ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ސޮން ހެއުން މިންއެވެ.

ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާއި ވަޓްފޯޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި ނިމުނު ނަމަވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ޔުނައިޓެޑުން ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް ޔުނައިޓެޑުން ވަޓްފޯޑްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމަލާތައް އެޓީމުންގެ ޑިފެންސް ލައިނުންނާއި ކީޕަރ ވަނީ ދިފާޢުކޮށްފައެވެ.

ސިޓީ އާއި އެވަޓަން މިރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ 82 ވަނަ މިނެޓުގައި މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ފިލް ފޮޑެންއެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި 27 މެޗުން ލިބުނު 66 ޕޮއިންޓާއެކު އޮތީ ސިޓީ އެވެ. އަދި ދެވަނައިގައި 26 މެޗުން ލިބުނު 60 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު، 25 މެޗުން ލިބުނު 50 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ޗެލްސީއެވެ. އަދި މިރޭ ވަޓްފޯޑް އާއި ކުޅެގެން އެއްވަރުވި ޔުނައިޓެޑް އޮތީ 27 މެޗުން ލިބުނު 47 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ފަސް ވަނައިގައި 24 މެޗުން ލިބުނު 45 ޕޮއިންޓާއެކު އާސެނަލް އޮތްއިރު، 26 މެޗުން ލިބުނު 42 ޕޮއިންޓާއެކު އޮތީ ވެސްޓް ހޭމް ޔުނައިޓެޑްއެވެ. އަދި މިރޭ ލީޑްސް ބަލިކުރި ޓޮޓެންހަމް އޮތީ 25 މެޗުން ލިބުނު 42 ޕޮއިންޓާއެކު ހަތް ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.