މަޤާމުގެ ދިފާޢުގައި ހޯމް މިނިސްޓަރ އިމްރާން ކޮންމެ ފަދަކަމެއްވެސް ކޮށްފާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" ހަރަކާތުގައި އިއްޔެ ގއ.ވިލިނގިލީގައި ބޭއްވި އިވެންޓުގައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ ސިޔާސީ މަސްރަހުގައި ދިވެހި ރައްޔިތުންގެ ހައްހުގައި ސާބިތުވެ އޮތް ހަމައެކަނި ޕާޓީއަކީ ޕީޕީއެމްކަމަށެވެ. އެނޫން ޕާޓީތަކާއި، އެޕާޓީތަކުގެ ލީޑަރުންނަކީ ޤައުމަށް ޣައްދާރުވެފައިވާ ޚާއިނުންތަކެއްކަމަށް ޔާމީން ވިދާޅުވިއެވެ.
ވަކިވަކި ލީޑަރުންނަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ މިހާރުގެ ހޯމް މިނިސްޓަރ އިމްރާނަކީ، ސިޔާސީ ގޮތުން އަމިއްލަ މަންފާ ހާސިލް ކުރުމަށް ކޮންމެ ފަދަކަމެއްވެސް ކުރައްވަފާނެ ބޭފުޅެއްކަމަށެވެ. އިސްލާމް ދީނާއި ދިވެހިންގެ ހައްގުގައި ތާއަބަދު ވަކާލާތު ކުރައްވާނެކަމަށް ކަރުން ނާރު ނަގާފައި ވާހަކަ ދެއްކެވި ބޭފުޅާ ޤައުމު އަޅުވެތި ވަމުންދާއިރުވެސް ހުންނެވީ މަޤާމުގައި ބަގުޑިބައްދައިގެން ކަމަށެވެ.
މިނިސްޓަރ އިމްރާނީ އަބަދުވެސް އިންތިޚާބަކާއި ކައިރިވުމުން ދީނީ އެކި ޝިއާރުތައް ނެރުއްވައި، ޤައުމީ ވަހުދަތުގެ ނަން ބޭނުން ކުރައްވައިގެން ސިޔާސީ މަންފާ ހާސިލްކުރައްވާ ބޭފުޅެއްކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ސަރުކާރު ކޯލިޝަންގަިއ ތިއްބެވި އެހެން ލީޑަރުންނަކީވެސް ހަމަ އެނިޔަތުގައި އަމިއްލަ މަންފާއަށް މަސައްކަތް ކުރައްވާ ލީޑަރުންތަކެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކުރިއަށް އޮތް އެއްވެސް އިންތިޚާބެއްގައި މިފަދަ ލީޑަރުންނަށް ދެން ދިވެހި ރައްޔިތުންގެ ކުރިމައްޗަށް އަރައި ޤައުމާއި ރައްޔިތުންގެ ހައްގުގައި ދެއްކޭނެ އެެއްވެސް ވާހަކައެއް ނެތްކަމަށް ޔާމީން ވިދާޅުވިއެވެ. އެބޭފުޅުން މިހާރުވަނީ އެއަށްވުރެއް މާބޮޑަށް ޤައުމަށް ޣައްދާރުވެފައިކަމަށް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ