ޔުކްރައިންގައި ތިބި ދިވެހިންގެ ތެރެއިން އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން ޑިޕްލޮމެޓިކް އުޅަނދުތަކުގައި ހަންގޭރީގެ ބުޑަޕެސްޓަށް ގެންގޮސްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ 15 ދިވެހިން ހަންގޭރީއަށް ގެނދެވުނީ ރޭ ރާއްޖެ ގަޑިން 11:30 ހާއިރުކަމަށެވެ. އަދި އެމީހުން ހަންގޭރީން ރާއްޖެއަށް ކުރިއަށް އޮތް ދެދުވަސްތެރޭގައި އަންނާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެމީހުން ހަންގޭރީއަށް ދިޔައީ އެ ގައުމުގެ ޑިޕްލޮމެޓިކް ވެހިކަލްތަކުގައިކަމަށް އެނގިފައިވެއެވެ.
އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ޔުނިވަރސިޓީއިން ބަދަލުކުރިތަނާ މާ ގިނަ އިރުތަކެއް ނުވެ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.
ހަރްކީވްގައި ބާކީ ތިބި 8 ދިވެހިން، ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބެއްކަމުން، އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރިކަމަށާއި، ރައްކާތެރިކަމާއެކު ހަރްކީވްގައި ތިބި ދިވެހިން ގެންދިޔުމަށްވެސް މަސައްކަތްކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަރްކީވްގައި ބާކީ ތިބި 8 މީހުންގެ ތެރެއިން 5 ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުން (ވިސާ އައު ކުރުން ފަދަ ކަންކަން) ހެދިއެވެ. ބާކީ ތިބި 3 މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބަރލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ދަނީ ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި ފޮރިން މިނިސްޓްރީއިން ދަނީ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމުގައި ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.