ސާޖަރީ ނިމިއްޖެ، ހާލު ރަނގަޅު: ރައީސް

ސާޖަރީ ނިމިއްޖެ، ހާލު ރަނގަޅު: ރައީސް

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2022 09:51
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލުހު ތައިރޮއިޑްގެ ސާޖަރީއަށްފަހު ހާލުކޮޅު ރަނގަޅުކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ތައިރޮއިޑްގެ އާލާސްކަންފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން މިއަދު ސާޖަރީ ހެއްދެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ސާޖަރީ މިހާރު ނިމިއްޖެ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ. ސާޖަރީއަށް ފަހު މިހާރު އޮންނެވީ ރިކަވަރީގައި ކަމަށާއި އެ މަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ވަގުތީގޮތުން ޢުޛުރުވެރިވެވަޑައިގަންނަވާ ފަދަ ޙާލަތެއް މެދުވެރިވެފައިވާތީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަބަބު ބަޔާންކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމުން އެކަން އެންގެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ވަގުތީގޮތުން މިއަދު ހެނދުނު 6:00 އިން ފެށިގެން ޙަވާލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވަގުތީގޮތުން ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޤާނުނު އަސާސީގެ 126 ވަނަ މާއްދާގައިވާގޮތުގެ މަތިން، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ކުރިފުޅުމަތީގައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައި ކުރައްވައި ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް މިއަދު ކުރައްވާތީ، އެ އޮޕަރޭޝަނަށްފަހު އަލުން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ޙަވާލުވެވަޑައިގަންނަވަންދެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Kamana
Alhamdhulillah