ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފަސޭހަ ދަތުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިފެށޭ މާރޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލެއިން، ފޭސްޓޫއަށް ސީދާ ދަތުރު ފެށޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ބަހުގެ ޚިދުމަތް މިހާރު ފޯރުކޮށްދެނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން 2 ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށެވެ. އެމްޓީސީސީގެ އަމާޒަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. އެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް އިތުރު ބަސްތަކެއް ގެނައުމަށް އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާލެއިން ފޭސް ޓޫއަށް ސީދާ ދަތުރުތައް ފެށުމަށް އެމްޓީސީސީން މިހާރު ތައްޔާރުވެފައި ވާކަމަށެވެ. އެގޮތުން އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ޓްރެފިކް ބާރުބޮޑު ނުވާކަމުގައިވާނަމަ ކޮންމެ ގަޑިއިރަކުން، ބަސްދަތުރު އޮންނާނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އަމާޒަކީ މިއަހަރުގެ ޖުލައިގެ ކުރިން ކޮންމެ 15 މިނިޓަކުން ފޭސް 2 އަށް ދަތުރު ފެށުންކަމަށް އާޒިމް ވިދާޅުވިއެވެ.
2 މާރޗް 2022 އިން ފެށިގެން ހުޅުމާލެ ފޭސް 2 އިން މާލެ އަށް ޑައިރެކްޓް ބަސް ދަތުރުތައް ފެށޭނެ. ބަސްތައް އަންނާނީ ޓްރެފިކް މާގޯސް ނޫނީއްޔާމު ކޮންމެ 1 ގަޑިއިރަކުން. އަދި ޖުލައި 2022 ނިމުމުގެ ކުރިން ކޮންމެ 15 މިނިޓަކުން ބަސް އަންނާނެ.
– އާދަމް އާޒިމް ވިދާޅުވިއެވެ.
ފުރިހަމަ ބަހުގެ ނިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް އެމްޓީސީސީން ކުރަމުންދާއިރު، މިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ މިއަހަރު އެންމެ އިސްކަމެއްދީގެން އެމްޓީސީސީން ކުރަމުންދާ މަސައްކަތެވެ. އެމްޓީސީސީން ގެންދަނީ އެއްގަމު ޓްރާސްޕޯޓުގެ އިތުރުން ކަނޑުގެ ދަތުރުތަކަށްވެސް އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ހައިސްޕީޑު ފެރީގެ ޚިދުމަތް ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.