މިސަރުކާރުން ވަނީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމުގައިވާ އެމްއެމްޕީއާރުސީއާއިއެކު ކޯލިޝަންހަދާފައި ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ތަޙްޤީޤް އެކަށީގެންވާގޮތެއްގައި ކުރެވި ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާއި ގުޅިގެން އެކަމުގެ ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ނުކުރެވި ލަސްވާތީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެންބަރުންގެ ފާޑުކިޔުން ސަރުކާރަށްވެސް އަމާޒުވެފައިވަނިކޮށެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި މަޖިލީހުގެ ކޮމިޓީން ބަލައި އެކަމުގައި ބައިވެރިވުން އޮތްކަމަށް ބުނާ މީހުންގެ ލިސްޓެއް ޢާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި މިސަރުކާރުގައި އިސްކޮށް އުޅުއްވާ ބައެއް ވަޒީރުންނާއި އެނޫންވެސް ބައެއް ބޭފުޅުން ހިމެނެއެވެ.
ނަމަވެސް އެމީހުންގެ މައްޗަށް ދައުވާކުރެވި އަނެއްބައި މީހުންނަށް ދައުވާ ނުކޮށް އޮތުމުން ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ބޮޑެވެ.
މެމްބަރު ސައީދު ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައަކީ މިސަރުކާރަށް ބެލޭނެވަރަށްވުރެ ސަރުކާރާއި މާ ގާތްކަމެއް އޮތް މައްސަލައެއް ކަމަށެވެ. މިސަރުކާރުން ވަނީ އެމްއެމްޕީއާރުސީ އާއިއެކު ކޯލިޝަން ހަދާފައިވާކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިއަދުސަރުކާރު ނަގަހައްޓައި ހިފަހައްޓަމުންދަނީވެސް އެމްއެމްޕީއާރުސީން ކަމަށް ސައީދު ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ ވާހަކަ ސަރުކާރުން ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުން ދައްކަމުންދަނީ އެޕާޓީގެ އިންތިޚާބުތަކާއި ގުޅުވައިގެން ސިޔާސީ މަޤްސަދެއްގައިކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ އާއިއެކު ސަރުކާރު ވަނީ ކޯލިޝަން ހަދާފަ. ސަރުކާރު ހިފަހައްޓަނީވެސް އެމްއެމްޕީއާރުސީ. އެތެރޭގެ އިންތިޚާބު ތަކުގެ ނަތީޖާ އަންނަ ގޮތަކުން ތިވާހަކަ އެކި ގޮތަށް އަންނަނީ ބަދަލުވަމުން! އޭސީސީ އާއި ޖޭއެސްސީ އެއްކޮށްލިޔަސް މިއަދު ބަޔަކު ހައިރާން ނުވާނެ.
– ސައީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ތަހްޤީޤް ކުރުމަށް ބޭރުގެ ފޮރތެންސިކް އޮޑިޓާސް ކޮންޓެކްޓް ކުރުމަށް އެމަނިކުފާނު ވަރަށް އެދިވަޑައިގަނެފައިވާނެކަމަށެވެ. ދެންވެސް މައްސަލަތައް ރަނގަޅަށް ތަހްގީގުކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ. ކޮމިޓީން ވަނީ މައިގަނޑު 8 ކަމެއް ކުރުމަށް ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށްވުމުން އެފަދަ ފަރާތްތަކުގެ ތަޙުޤީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުކުރެވޭ މިސަރުކާރުގެ އެއްވަޒީރަކީ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފެވެ. ނަމަވެސް މިހާތަނަށްވެސް އެމަނިކުފާނުގެ މައްޗަށް ދައުވާކުރެވި މަޤާމުގައި ބަހައްޓާފައި ހުރުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.