އެންސީބީން ތުހުމަތުކުރަނީ ޑްރަގް ވިޔަފާރީގައި ރަޝީދާ އުޅޭތައް އެތައް އަހަރެއް ވެފައިވާކަމަށް!

އެންސީބީން ތުހުމަތުކުރަނީ ޑްރަގް ވިޔަފާރީގައި ރަޝީދާ އުޅޭތައް އެތައް އަހަރެއް ވެފައިވާކަމަށް!

Author
މުޙައްމަދު ޖިމީ
23 ފެބްރުއަރީ 2022 09:38
0

އިންޑިއިން ހައްޔަރުކުރި ބ. އޭދަފުށީ ޢުމުރުން 58 އަހަރުގެ އައިމިނަތު ރަޝީދާގެ މައްޗަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

އިންޑިއާގެ އެންސީބީން ވަނީ ރަޝީދާއާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހޯދިފައިވާކަމަށް ބުނެފައެވެ. ރަޝީދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މިމަހުގެ 15 ދުވަހުއެވެ.

އިންޑިއާގެ ކެރަލާގައި އުޅޭ ބަޔަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރަޝީދާއަށް އެޑްރެސްކޮށް ފޮނުވި ޕާރްސަލެއްގައި ހުރި މަސްތުވާތަކެއްޗާ އައިމިނަތު ރަޝީދާއާ ގުޅުމެއްވާ ކަމަށް އިންޑިއާގެ އެންސީބީން ތުހުމަތުކުރެއެވެ. މި މައްސަލާގައި އިންޑިއާއަށް ދިޔަތަނުން ރަޝީދާ ވަނީ ހައްޔަރުކޮށްފައެވެ.

އެންސީބީއާއި ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރަޝީދާއަކީ ޑްރަގް ވިޔަފާރީގެ ދިގު މާޒީއެއް އޮތް މީހެކަމަށާއި، އެވިޔަފާރީގައި އެކި ގޮތްގޮތުން އޭނާގެ ބައިވެރިވުން އޮތްތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އެކަން ރަޝީދާގެ މައްޗަށް ހިންގަމުންދާ ތަހުގީގުން މިހާރުވެސް ހާމަވެފައިވާ ކަމަށްވެސް އެންސީބީން ބުނެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެކަމާ ގުޅޭ ގިނަ މައްސަަލަތަކެއްގެ ހެކި ހުރި ކަމަށްވެސް އެންސީބީގެ އެ އޮފިޝަލާ ހަވާލާދީ ރިޕޯޓް ކޮށްފައިވެއެވެ. މީގެ އިތުރުން ރަޝީދާގެ ދަރިއަކުވެސް ޑްރަގް ވިޔަފާރީގެ ތެރޭގައި އުޅެފައިވާ ކަމަަށާ އެފަދަ ތުހުމަތެއްގައި ދިވެހި ފުލުހުންވެސް އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.

މި ތުހުމަތުތައް އިންޑިއާގެ އެންސީބީން ކުރިނަމަވެސް ރަޝީދާގެ އާއިލާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

އިންޑިއާގެ ކޯޓުން ވަނީ ރަޝީދާގެ ބަންދަށް ފުރަތަމަ ފަހަރު 3 ދުވަސް އިތުރުކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް ވަނީ 11 ދުވަސް އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.