ރަޝިއާއިން ޔޫކްރެއިންގެ އިރުމަތީގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ މިނިވަންކަން ބަލައިގަނެ، އަސަރަހައްދުތަކަށް ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ރަޝިއާގެ އަސްކަރިއްޔާ ފޮނުވުމަށް އެގައުމުގެ ރައީސް ލާޑިމިރު ޕުޓިން އޯޑަރު ކުރުމާއި ގުޅިގެން، ރަޝިއާއި ދެކޮޅަށް އިގްތިސާދީގޮތުން އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް އިނގިރޭސިވިލާތުން އިއުލާން ކޮށްފިއެވެ.
އިނގިރޭސި ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތުގައި، އިނގރޭސިވިލާތުން ވަނީ ރަޝިއާގެ 3 މަހުޖަނަކާއި އަދި 5 ބޭންކަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައެވެ.
މިގޮތުން، އިނގިރޭސި ގާނޫނުހަދާ މަޖިލިސް، ހައުސް އޮފް ކޮމޮންސްގައި ވާހަކަ ދައްކަވަމުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، ރަޝިއާއި ދެކޮޅަށް ފުރަތަމައަށް އެޅުމަށް ހަމަޖެހިފައިވާ އިގްތިސާތީ ދަތިކުރުކުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، އެގައުމުގެ ރޮއްސިޔާ ބޭންކު، އައިއެސް ބޭންކު، ޖެނެރަލް ބޭންކު، ޕްރޮމްސުވިޔަޒް ބޭންކުގެ އިތުރުން ބްލެކް ސީ ބޭންކާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމެވެ.
އަދި މީގެއިތުރުން ރަޝިއާގެ 3 މަހުޖަނަކާއި ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަންވެސް ބޮރިސް ޖޯންސަން ވަނި އިއުލާން ކުރައްވާފައެވެ. މި 3 މުއްސަދި މަހުޖަނުންނަކީ، ގެނެޑީ ޓިމްކެންކޯ އާއި، ބޮރިސް ރޮޓެމްބާރގްއާއި، އަދި އިގޯރ ރޮޓެމްބާރގްއެވެ. އިނގިރޭސިވިލާތުން ހާމަ ކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގައި ހުރި މި 3 މަހުޖަނުންގެ އެސެޓްތައް ފްރީޒް ކުރުމުގެ އިތުރުން، މި ފަރާތްތަކަށް އިނގިރޭސިވިލާތަށް ދަތުރުކުރުންވެސް ވަނީ މަނާ ކުރެވިފައެވެ.
އަދި މީގެ އިތުރުން، މި މަހުޖަނުންނާއި ވިޔަފާރީގެ އެއްވެސް ގުޅުމެއް ހިންގުންވެސް އަދި އެނޫން އެފަދަ އެއްވެސް މުއާމަލާތެއް ކުރުންވެސް އިނގިރޭސި ރައްޔިތުންނަށާއި އަދި އެގައުމުގެ ކުންފުނިތަކަށް ވަަނީ މަނާ ކުރެވިފައެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި، ރަޝިއާއި ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅަން މަޖުބޫރުވީ، ރަޝިއާގެ ރައީސަށް އޭނާގެ މަގުސަދުތައް މަޝްވަރާގެ މަގު ބޭނުންކޮށްގެ ހާސިލް ކުރުމަށް އެތައް ފުރުސަތެއްދީ އެމަގު އިޚްތިޔާރު ނުކުރުމާއި ގުޅިގެން ކަމުގައެވެ.
ރަޝިއާއިން ޔޫކުރެއިންގެ މިނިވަންކަމަށް އަރައިގަނެއް، އެގައުމުގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އިރުމަތީ ސަރަހައްދުތަކުގެ މިނިވަންކަން ބަލައިގަތުމާއިއެކު އެމެރިކާގެ ރައީސް ޖޯ ބައިޑްންވަނީ، ރަޝިއާއިން މިވަން ދައުލަތުގެ ގޮތުގައި އިއުލާން ކޮށްފައިވާ ޔޫކުރެއިންގެ އެއްވެސް ސަރަަހައްދެއްގައި އެމެރިކާގެ އެއްވެސް ކުންފުންޏަކުން އިންވެސްޓުކުރުން މަނާކުރުމުގެ ގޮތުން ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އަދި މިސަރަހައްދުތަކުގައި ކުރެވޭ ވިޔަފާރިތަކާއި ގުޅުހުން ހުރި ފަރާތްތަކާއި ދެކޮޅަށްވެސް މި ގަރާރުގެ ދަށުން ދަތިކުރުމުގެ ފިޔަޅު އެޅުމުގެ ފުރުސަތުވެސް މިހާރު އޮންނާނެއެވެ. އަދި މީގެ އިތުރުންވެސް ރަޝިއާއި ދެކޮޅަށް އަޅާނޭ ދަތިކުރުމުގެ އިތުރު ފިޔަވަޅުތައްވެސް މިއަދު އެމެރިކާއިން އިއުލާން ކުރުމަށްވަނީ ހަމަޖެހިފައެވެ.
ރަޝިއާއިން ޔޫކްރެއިންގެ އިރުމަތީގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ މިނިވަންކަން ބަލައިގަނެ، އަސަރަހައްދުތަކަށް ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ރަޝިއާގެ އަސްކަރިއްޔާ ފޮނުވުމަށް އެގައުމުގެ ރައީސް ލާޑިމިރު ޕުޓިން އޯޑަރު ކުރުމާއި ގުޅިގެން، ރަޝިއާގެ ގުދުރަތީ ގޭސް ޖާރމަނީއަށް ސަޕްލައި ކުރުމަށްޓަކާ ރަޝިއާއިން އަޅާފައިވާ ގޭސް ހޮޅީގެ، 11 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު ނޯޑް ސްޓްރީމް ޕްރޮޖެކްޓަށް ހުއްދަ ދިނުން ޖާރމަނީން މިހާރުވަނީ ހުއްޓުމަކަށް ގެނެސްފައެވެ.
ކަނޑުއަޑިން ރަޝިއާއި ޖާމަރނީ ގުޅުވާލާ، ގުދުރަތީ ގޭސް ޖާރމަނީއަށް ސަޕްލައި ކުރުމަށްޓަކާ ރަޝިއާގެ ބޮޑެތި ގިނަ ކުންފުނިތަކަކުން ސްޕޮންސަރ ކޮށްގެން، ފާއިތުވެދިޔަ 5 އަހަރުދުވަހުގެ މަސައްކަތުން އަޅާފައިވާ މި ގޭސްހޮޅި މިހާރުވަނީ ހުއްދަ ދިނުމުގެ މަރުހަލާގައެވެ. އެހެންނަމަވެސް، ޔޫކުރެއިންގެ މިނިވަންކަމަށް ރަޝިއާއިން އަރައިގެންފިނަމަ، ހުޅަނގުގެ ގައުމުތަކުން ރަޝިއާއި ދެކޮޅަށް އަޅާނެކަމަށް އިންޒާރު ދެމުން އައިސްފައިވާ ހަރުކަށި އިގްތިސާދީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ، އަދި ރަޝިއާގެ އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ދަތިކުރުމުގެ އެއް ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ބެލެވިފައިވަނީވެސް ރަޝިއާގެ ބޮޑެތި ގިނަ ކުންފުނިތަކަކާއި ގުޅުންހުރި މި ޕްރޮޖެކްޓެވެ.