ޑްރަގް ހޮޓާ ހިންގާ ވާހަކަ؟ ކަމުގެ ސީރިއަސްކަމާއި، ވެފައިވާ އިހުމާލުގެ ބޮޑުކަން ވިސްނޭތަ؟

ޑްރަގް ހޮޓާ ހިންގާ ވާހަކަ؟ ކަމުގެ ސީރިއަސްކަމާއި، ވެފައިވާ އިހުމާލުގެ ބޮޑުކަން ވިސްނޭތަ؟

Author
ހުސެއިން
22 ފެބްރުއަރީ 2022 08:03
0

ދިވެހިރާއްޖެއަށް ފާއިތިވެދިޔަ 30 ވަރަކަ އަހަރު ދުވަހުގެ ކުރިމަތިވި އެންމެ ނުރައްކާތެރި ވަބާއަކި މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާކަމީ އެއްވެސް ދެމީހަކަށް މިއަދު ދެބަސް ވެވެން އޮތް ހަގީގަތެއް ނޫނެވެ.

އަދި މިއީ މިކަން ޔަގީން ކޮށްދިނުމުގެ ގޮތުން، މިއަދު ވަކި ތަފާސް ހިސާބަކަށް ބޭނުން ނުވާ މިންވަރަށް ކަށަވަރުވެ ޔަގީންވާން އޮތް ކަމަކަށް ވިނަމަވެސް، ރާއްޖެއަށް މަސްތުވާތަކެތީގެ ނުރައްކާ ކުރިމަތިވެފައި އޮތް މިންވަރާއި، އަދި މި ނުރައްކާތެރި ވަބާގެ އަވާގައި ޒުވާނުން ޖެހި، އެއަށް ދެވި ހިފާފައިވާ މިންވަރު މިއަދު ހާމަވާން އޮތްކަމުގެ ދިރިހުރި އެއް މިސާލަކީ، މަސްތުވާތަކެތީގެ ކެފޭތައް ވެރިރަށް މާލޭގައި ހުޅުވާ، އެއީ ސައި ހޮޓާތަކުން ޚިދުމަތް ދޭ އުސޫލުން ޚިދުމަތްދޭ ވަސީލަތަކަށް ވެގެން ދިއުމެވެ.

އެހެންނަމަވެސް، ވެރިރަށް މާލޭގައި ސައި ހޮޓާތަކުގައި ޚިދުމަތް ދޭ އުސޫލުން، ޑްރަގް ކެފޭތައް މިއަދު ހިންގަމުން އަައި ނަމަވެސް، މިއީ އިއްޔެއަކު މިއަދަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޫލަމުން އައިސްފައިވާ ވަބާއެއް ނޫންކަމުގައި ދަންނަވަން ޖެހެއެވެ. މިއީ މީގެ 30ވަރަކަށް އަހަރު ކުރިއްސުރެ ރާއްޖޭގެ މުޅި މުޖަތަމަޢުގައި މޫލަމުން އައިސްފައިވާ ނުރައްކާތެރި ވަބާއެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ. މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެތީގެ ތަފާތު ބާވަތްތައް ޒުނާނުންގެ މެދުގައި އެންމެ އާންމު ގޮތެއްގައި ފެތުރެން ފަށާފައިވަނީ، 90 އަހަރުތަކުގެ ކުރީ ކޮޅުން ފެށިގެންނެވެ.

އަދި އެހަތަނާއި ހަމައަށްވެސް، މަސްތުވާތާކެއްޗާއި ދެކޮޅަށް ހަގުރާމަކުރާނެ އެކަށީގެންވާ ގާނޫނީ އޮނިގަޑެެއް ރާއްޖޭގައި އެކުލަވާލެވިފައި ނުވިނަމަވެސް، ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން، އެފަރާތްތަކާއި ދެކޮޅަށް، އޭގެ ކުރިން އެކުލަވާލެވުނު ގާނޫނެއް އެހާތަނަށް އައިއިރުވެސް އެކަށައެޅި އަމަލް ކުރެވެމުން ގޮސްފައި ވެއެވެ. މިއީ 1977 ވަނަ އަހަރު ފާސްކުރެވި އަމަލްކުރެވެމުން އައިސްފައިވާ ގާނޫނެކެވެ.

ޑްރަގްގެ ނެޓްވާރކް ފެތުރިފައިވާ ގޮތް ދެއްކުމަށް ފުލުހުން އާންމު ކޮށްފައިވާ ޗާޓެއް

އެހެންނަ،މަވެސް، 90ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި އާދަޔާ ޚިލާފަށް ބާރުމިނުގައި އާންމުވަމުން އައި މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާއި ދެކޮޅަށް، އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންވެސް، އަދި އޭގެފަހުން ވެރިކަމަށް ވަޑައިގެންނެފި ބޭފުޅުންވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާފައި ނުވުމުގެ ނަތީޖާ ފާއިތުވެދިޔަ 30 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ ދެކެފައިވަނީ ވަރަށްވެސް ހިތިކޮށް ކަމުގައި މިއަދު މިއޮތީ ގަބޫލުކުރަން މަޖުބޫރު ވެފައެވެ.

 

ފެތުރިގެން ގޮސްފައިވާ މިންވަރު!

މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ މައްސައެއްގެ ގޮތުގައި މިހާތަނަށް އަމަލީގޮތުން އެއްވެސް ސަރުކާރަކުން ބަލައިގެންފައެއް ނުވެއެވެ. މާނައަކީ، މުޅި ގައުމަށް ކުރިމަތިވެފައިވާ ބޮޑުވެގެންވާ މިފަދަ ވަބާއަކާއި ދެކޮޅަށް ކުރަންޖެހޭ ހަގުރާމައެއްގެ ބީދައިން މަސްތުވާތަކެއްޗާއި ދެކޮޅަށް އިއްޔެވެސް، މިއަދުވެސް ދިވެހިރާއްޖޭގައި މަސައްކަތް ކުރެވެމުންދާ ތަނެއް ނުފެނެއެވެ.

އެހެންނަމަވެސް، ރާއްޖޭގައި ބޭއްވޭ ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް، މަސްތުވާތަކެއްޗާއި ދެކޮޅަށް ހަގުރާމަ ކުރުމުގެ ވައުދަކީ، ހުރިހާ ސިޔާސީ ވެރިންވެސް ވެފައިވާ ވައުދުތަކެވެ. އަދި މެނިފެސްޓޯތަކުގައި މިވައުދުތައް ލިޔެ، އަމަލީ ސިފަ ގެންނާނޭ ކަމުގެ ވާހަކަތަކަކީ އަބަދުވެސް ރާއްޖޭގައި ވެރިކަން ކުރަމުންދާ ވެރީން ދައްކަވަމުން ގެންދަވާ ވާހަކަތަކެވެ.

އެހެންނަމަވެސް ކަމުގެ ހަގީގަތަކީ، މަސްތުވާތަކެތީގެ ވަބާއިން މިންޖުވެވޭނޭ ވަރުގެ ޕްލޭނެއް، ނުވަތަ އެކަމަށްޓަކާ ހިންގާނޭ އެކަށީގެންވާ ހަރުދަނާ ކެމްޕޭނެއް މިހާތަނަށް އައިއިރު އެއްވެސް ސަރުކާރަކަށް ތަންފީޒު ކުރެވިފައި ނުވުމެވެ.

މިގޮތުން ބަލާއިރު، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި އަދި އޭގެ ބޭނުންކުރުން ޒުވާނުންގެ މެދުގައި އަދިވެސް އޭގެ އިންތިހާއަށް އަށަގެންފައި އޮތްއިރު، މީގެ މޫތައް ދަތުރު ކޮށްފައި ހުރީ ކިހާ ފުނަކަށްކަމެއް، ނުވަތަ މިވަބާ އާންމުވެގެން ގޮސްފައިވާ މިންވަރުގެ ހަގީގީ ފުރިހަމަ ދިރާސާއެއް ހެދި އޭގެ މައްޗަށް އަމަލުކުރާނޭ ސާފު އޮނިގަޑެއް ރާއްޖޭގައި ނެތްކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މާނައަކީ، މަސްތުވާތަކެތި ރާއްޖޭގައި ބޭނުން ކުރަމުންދާ އުމުރުުފުރާތަކާއި، އޭގެ މައްޗަށް ފުރިހަމަ ދަފްތަރެއް އެކުލަވާލުމާއި، އެމީހުންގެ ވަނަވަރުތައް ފުރިހަމަޔަށް އެގެން ހުރުމާއި، މަސްތުވާތަކެތި އެތެރެކުރެވޭ މަގުތަކާއި، މި މަގުތައް ބަންދުކު ކުރުމުގައި ދައުލަތުގެ މުވައްސަސާތައް ފެއިލްވެގެން ގޮސްފައިވާ ސަބަބުތަކާއި، މަސްތުވާތަކެތީގެ ވިޔަފާރީގެ މޫތައް ދައުލަތުގެ މުވައްސަސާތަކުގެ ތެރެއަށް ފެތުރިގެން ގޮސްފައިވާ މިންވަރާއި، މިކަންކަމުގެ ހަގީގަތް ދެނެގަތުމަށްޓަކާ ފާއިތުވެދިޔަ ތަނުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

ފުލުހުން އާންމު ކޮށްފައިވާ, މަސްތުވާތަކެތީގެ ހާލަތު ވަޒަންކޮށްދޭ ފޮޓޯތައް

އެހެންނަމަވެސް، 2013ވަނަ އަހަރު، ރައީސް ވަހީދުވެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ގޮތުން ޔުއެންއޯޑީސީ (UNODC)ގެ އެހީތެރިކަމާއެކު، އޭރަށް އެކަށީގެންވާ ދިރާސާއެއް ހެދިފައި ވެއެވެ. މި ސާރވޭއިން ދައްކާފައިވާ ގޮތުގައި، އޭރު ވެރިރަށް މާލޭގައި ދިރިއުޅެމުންދިޔަ އާބާދީގެ 6.64 އިންސައްތައަކީ، ރަލުގެ ބާވަތްތައްވެސް ހިމެނޭގޮތުން މަސްތުވާތަކެތީގެ ބޭނުން ކުރާ ފަރާތްތަކެވެ. މާލެ ފިޔަވައި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި މި ނިސްބަތް އޭރު ހުރީ 2 އިންސައްތައިގައެވެ.

އަދި މިސާރވޭއިން ދައްކާފައިވާ ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުންކުރާ 7،500 މީހުން އޭރު ތިއްބެވެ. އަދި މީގެ ތެރޭއިން މެޖޯރިޓީ މީހުންނަކީ 15 އަހަރާއި 24 އަހަރާއި ދެމެދުގެ ނޫކަށިފުރާގެ ޒުވާނުންނެވެ. މި ޒުވާނުން އެންމެ ގިނައިން ބޭނުން ކުރަމުން ގޮސްފައިވަނީ ކެނެބިސް އާއި، އަލްކަހޯލްގެ އިތުރުން ޑްރަގްގެ ބާވަތެއް ކަމުގައިވާ އޮޕިއޮއިޑްސްއެވެ. އަދި މިދިރާސާއިން އޭރު ދައްކާފައިވާ ގޮތުގައި، ވެރިރަށް މާލޭގައި 200 ޒުވާނަކު އިންޖަކްޝަންގެ ޒަރީއާއިން މަސްތުވާތަކެތީގެ ބޭނުން ކުރަމުން ދިޔައިރު، ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި 300 ޒުވާނުން އިންޖެކްޝަންގެ ޒަރީއާއިން އޭރު މަސްތުވާތަކެތީގެ ބޭނުން ކުރަމުން ގޮސްފައި ވެއެވެ.

އެހެންނަމަވެސް އޭރު ހެދިގެންދިޔަ މި ދިރާސާއިން ރާއްޖޭގައި އޭރު މަސްތުވާތަކެތީގެ ބޭނުން ކުރަމުންދާ މީހުންގެ އަދަދާއި، ބޭނުން ކުރަމުންދާ ބާވަތްތަކާއި، އަދި މިނޫނަސް މިފަދަ ބައެއް މައުލޫމާތުތައް އެގެން ހުރި ނަމަވެސް، މަސްތުވާތަކެތީވެ ވަބާ ރާއްޖެއިން ފޮހެލުމުގައި ކުރިމަތިވެފައިވާ ހަގިގީ އެއް ގޮންޖެހުމުގެ ގޮތުގައި ބެލެވޭ، އެތެރެ ކުރެވޭ މަގުތައް ހޯދައިގަތުން ފަދަ، އޭގެ ވިޔަފާރި ކުރެވޭ ގޮތާއި އޭގެ މޫތައް، ސިޔާސީ ފަރާތްތަކުގެ އިތުރުން ދައުލަތުގެ މުވައްސާތަކަށް ފެތިރިގެން ގޮސްފައިވާ މިންވަރު ދެނެގަތުންފަދަ މުހިންމު މައުލޫމާތު އެއްކުރެވިފައެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން، މިގޮތުން ހޯދޭ ހޯދުންތަކުގެ މައްޗަށް ޕްލޭންތަކެއް އެކުލަވާލެވި، މި ނުރައްކާތެރި ވަބާއިން މިންޖު ވުމަށް މަސައްކަތް ކުރުމުގެ ޝައުގުވެރިކަމާއި، އޭގެ ވިސްނުންތަކެއް ސިޔާސަތު ރާވާ ފަރާތްތަކުގެ ކިބައިން މިއަދާހަމައަށްވެސް ފެންނާން ނެތްކަމީ ހިތާމައާއެކީ ފާހަގަ ކޮށްލާން ޖެހޭ ކަމެކެވެ.

 

ޑްރަގް ހޮޓާ ހިންގާކަމުގެ ވާހަކަ؟ ކަމުގެ ސީރިއަސްކަން ވިސްނޭތަ؟

މިއަދުގެ ހަގީގަތަކީ، ވެރިރަށް މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން އާންމުކޮށް ހިދުމަތް ހޯދާ 1118 ދިވެހީން ތިބިކަމެވެ. ވެރިރަށް މާލޭގައި ގަވާއިދުނއ ޚިދުމަތް ފޯރުކޮށްދޭ 44 ޑްރަފް ކެފޭއެއް ހުރިކަމެވެ. ފުލުހުން ނިކުމެ ބަންދު ކުރުމުންވެސް މިތަންތަން ހުޅުވާ ކެފޭގެ ޚިދުމަތް މަސްތުވާތަކެތީގެ ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށް ދެމުންދާކަމެވެ.

މާލޭގެ ޑްރަގް ކެފޭތަކުގައި މަސްތުވާތަކެތީގެ ބޭނުން ކުރުމަށް ބޭނުން ކޮށްފައިވާ ބައެއް ތަކެތި

އަދި މީގެ 5 މަސްދުވަސް ކުރިން، މާލޭގައި ކެފޭ އުސޫލުން ޑްރަގް ވިއްކަމުންދިޔަ ތަންތަން ބަންދުކޮށް، އެ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ފޯރި މަރަމުންދާ ކަމުގެ މައުލޫމާތު ފުލުހުން ދީފައިވެސް ވެއެވެ. އެއާއެކުވެސް، ޑްރަގްގެ ޚިދުމަތް ފޮރުކޮށް ދޭ އިތުރު 12 ތަނެއް ހުޅުވާ އަލުން ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަމަށް ޚުދު ފުލުހުން ވިދާޅުވަމުން އެބަ ގެންދަވައެވެ.

ހަމައެއާއެެކު ފާހަގަ ވާން އޮތް ކަމަކީ، މިވަބާގެ އަވާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް ރާއްޖޭގައި ގާއިމް ކޮށްފައިވާ ތަންތަނުން ފަރުވާ ހޯދަމުންދާ އަދި ހޯދާފައިވާ ފަރާތްތައްވެސް އެބުރި އައިސް، ޑްރަގް ކެފޭތަކުންވެސް ޚިދުމަތް ހޯދަނީއެވެ. ރިހިބިލިޓޭޝަންގެ ފަރުވާ ދިނުމަށް ކޯޓްތަކުން އަމުރު ކޮށްފައިވާ މީހުންވެސް ޚިދުމަތް ހޯދުމަށް ޑްރަގް ކެފޭތަކަށް ގޮސް އެތަންތަނުން ޚިދުމަތް ލިބިގަންނަނީއެވެ.

އެހެންކަމުން، ރާއްޖޭގައި ޑްރަގްގެ ވަބާ ނައްތާލުމަށް ނުވަތަ، މިވަބާއިން ޒުވާނުން މިންޖުކުރެވޭތޯ އެތައް އަހަރުތަކެއް ވަންދެން ސަރުކާރުތަކުން ކުރަމުން މިދާ މަސައްކަތަކާއި، ކުރަމުންދާ ހޭދަތަކުގައި ބޮޑެތި މައްސަލަަތަކެއް ހުރި ކަމުގައި މިއަދު މިވަނީ ގަބޫލުރަން ޖެހިފައެވެ. އެތައް އަހަރެއްވަންދެން، ފާއިތުވެދިޔަ ސަރުކާރުތަކުން ފެށިގެން ހިންގަމުން އަންނަ ޕްރޮގްރާމްތަކާއި، މިކަމަށް ޚާއްސަކޮށްގެން މުވައްސަސާތައް ހަދާ އެކުލަވާލައިގެން ކުރަމުންއަންނަ މަސައްކަތްތަކުގެ ނަތިޖާއަކީ، ކުރިން މި ވަބާގެ ހާލަތު ގޮސްފައި ނުވާ އާ އުސްމިންތަކަށް ހާލަތުން ދިއުން ކަމުގައިވާނަމަ، ހަގީގަތުގައިވެސް ގައުމުގެ ވެރީން ފުންކޮށް ފިކުރު ހިންގާންޖެހޭ ކަންކަން ހުރިކަމުގައި މިއަދު ގަބޫލު ކުރަން އެބަޖެހެއެވެ.

އަންނަ ކޮންމެ ސަރުކާރެއްގެ ދާޚިލީ ވަޒީރުގެ ޒިންމާއަކީ، އަބަދުވެސް ކުރީ ސަރުކާރަށްވުރެ ގިނައިން މަސައަކަތް ކުރެވިފައި ހުރިކަން ސާބިތު ކޮށްދިނުން ކަމުގައި ވާނަމަ، ދުވަހަކުވެސް، އެކަށައެޅިފައިވާ ޕްލޭނަކަށް މި ބޭފުޅުންގެ ވިސްނުމާއި ފިކުރު ހިނގާނީ ކޮން ގޮތަކުން ބާވައެވެ. މަސްތުވާތެކެތީގެ ނުރައްކާތެރި ވަބާތައްފަދަ ގައުމީ ބޮޑެތި ކާރިސާތަކުން ގައުމަށް މިންޖު ކިހިނަކުންތޯއެވެ.

އެހެންކަމުން، ކެފޭ ހަދައިގެން މަސްތުވާތަކެތި، ވެރިރަށް މާލެ ފަދަ ކުޑަކުޑަ ތަންކޮޅެއްގައި ބޭނުން ކުރާ ދަރަޖައަށް ހާލަތު ދިއުމުން މިބަވާގައި ގައުމެއް ފަނާވެ ދިޔައީ ކަމުގައި ގަބޫލުކޮށް، މިވަބާއިން މިންޖުވެވޭނޭ މަގެއް ހޯދުން ވެގެން ގޮސްފައިވަނީ ވެރީންގެ މައްޗަށްއޮތް ދީނީ އަދި ގައިމީ ބޮޑު ވާޖިބަކަށް ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާއަލީ
Kenereegey nasheed faalhukan bodu gothuga media thakuga boan vaaney boven vaaney govi