ދިވެހި ދައުލަތުން އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދައި، ބޮޑެތި އަދަބުތައް ލިބިދޭ ގޮތަށް އެކުލަވާލާ ބިލާއި އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅުކަމަށް މިބިލް މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އޭނާގެ ލީޑާޝިޕްގައި އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ހުށަހެޅުނު ކަމަކީ "އިންޑިއާ އައުޓް" ހުއްޓުވުމުގެ ބިލު ކަމަށް ވީއިރު، އެ ބިލާއި ގުޅިގެން އެމްޑީޕީގެ މެންބަރުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް ހުރި ކަމަށެވެ.
އާޒިމް ވިދާޅުވީ، 'ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ޤާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ޢަމަލުތައް ހުއްޓުވުމުގެ ބިލު’އާމެދު ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އެމްޑީޕީގެ މެމްބަރުންގެ މެދުގައި އޮތްކަމަށެވެ.
އަޅުގަނޑުމެން މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ސަރުކާރުގެ އެހީތެރިކަމަށް ބޭނުންވާ، ސަރުކާރުގެ އެކިއެކި ކަންކަމަށް ބޭނުންވާ މެމްބަރުން އެބިލާ މެދު ވަރަށް ބޮޑު ނުތަނަވަސްކަމެއް، ގަބޫލުނޫންކަމެއްގެ ގޮތުގައި އެ ބިލު ފެނިގެންދިޔަ.
– އާޒިމް ވިދާޅުވިއެވެ.
ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެއެވެ. މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.
ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކޮށްފައި މިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ވަރުގަދަ ކެމްޕޭނެއް ހިންގަމުންދާ ވަގުތެއްގައެވެ.
ކޮމެންޓު ފޮނުވާ