ލީޑްސް ބަލިކޮށް ޔުނައިޓެޑުން މުހިއްމު މޮޅެއް ހޯދައިފި

ލީޑްސް ބަލިކޮށް ޔުނައިޓެޑުން މުހިއްމު މޮޅެއް ހޯދައިފި

Author
ޔޫސުފް
21 ފެބްރުއަރީ 2022 01:48
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ލީޑްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް ލީގުގެ ހަތަރު ވަނައިގައި އޮތީ 26 މެޗުން ލިބުނު 46 ޕޮއިންޓާއެކުއެވެ. އަދި ފަސް ވަނައިގައި ވެސްޓް ހޭމް ޔުނައިޓެޑް އޮތީ 26 މެޗުން ލިބުނު 42 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް އޮތީ 23 މެޗުން ލިބުނު 42 ޕޮއިންޓާއެކު ހަ ވަނައިގައެވެ.

ލީޑްސް ޔުނައިޓެޑާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑަށް 34 ވަނަ މިނެޓުގައި ލިބުނު ކޯނަރު ޝޯ ނަގައިދިނުމުން ކެޕްޓަން މެގުއާ ވަނީ ބޮލުން ޖަހާ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލުމަށްފަހު ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. ޔުނައިޓެޑުން ލީޑު ފުޅާކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކު ހަ މިނެޓުގެ ތެރޭގައެވެ. މިއީ ސަންޗޯ އޭރިޔާ ތެރެއަށް ނަގައިދިން ހުރަހަކުން ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑެކެއެވެ.

މެޗުގެ ދެވަނަ ހާފުގައި ލީޑްސް ޔުނައިޓެޑުން ވަނީ އެޓީމުގެ ކުުޅުން ރަނގަޅުކޮށް ގާތްގާތުގައި ދެ ލަނޑު ޖަހާ ޔުނައިޓެޑް ހާސްކޮށްލާފައެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ރޮޑްރިގޯ ލީޑްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން ރަފީނިއާ ވަނީ ލީޑްސްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑްގެ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ފްރެޑް އަދި އެލަންގާ ޖެހި ލަނޑުތަކުން ޔުނައިޓެޑް ވަނީ 2 ލަނޑުގެ ލީޑެއް ނަގާފައެވެ. ޔުނައިޓެޑްގެ ތިންވަނަ ލަނޑު ފްރެޑް ކާމިޔާބުކޮށްދިނީ 70 ވަނަ މިނެޓުގައެވެ. އަދި މެޗުން 3 ޕޮއިންޓް ޔަގީންކޮށްދިން ލަނޑު 88 މިނެޓުގައި ކާމިޔާބުކޮށްދިނީ އެލަންގާއެވެ.

މި މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި ރޭ ވުލްވްސް ވަނީ 1-2 ގެ ނަތީޖާއަކުން ލެސްޓަ ސިޓީ ބަލިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.