ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ގޯލްޑަން ފުޓްސަލް ޗެލެންޖް" ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ގޯލްޑަން ފުޓްސަލް ޗެލެންޖް" ފަށައިފި

Author
ޔޫސުފް
20 ފެބްރުއަރީ 2022 02:57
0

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް" ރޭ ފަށައިފިއެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 91 ޓީމު ވަނީ ބައިވެރިވެފައެވެ. އަދި މިފަހަރުގެ މުބާރާތުގައި 177 މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އެންމެ ފުރަތަމަ ކުރިޔަށްދާނީ އަތޮޅު ބުރުގެ މެޗުތަކެއެވެ.

އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހއ.ވަށަފަރު އަދި ހއ.ހޯރަފުއްޓެއެވެ. މި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހޯރަފުށި ޓީމުންނެވެ. މެޗުގައި ހޯރަފުށި ޓީމުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހިމް ބިޝާރު އަދި ޢަލީ ޝިމާހުގެ އިތުރުން ޢަބްދުﷲ ޔާމިންއެވެ. ވަށަފަރުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު ޒާޔިދްއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ހދ.ކުމުންދޫ އާއި ހދ،ފިނޭއެވެ. މި މެޗު 2-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފީނޭ ފުޓްސަލް ޓީމެއެވެ. ފިނޭ ޓީމުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަލީ މިސްބާހް އަދި ޝަމީލް ރަޝީދު އަދި މުހައްމަދު އަނިމްއެވެ. ޝަމީލް ވަނީ މި މެޗުގައި ފިނޭއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. ކުމުންދޫއިން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ހުސައިން ހަސަންގެ އިތުރުން ޝިނާން އިބްރާހިމްއެވެ.

މުބާރާތުގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ހއ.ދިއްދޫއިން ވަނީ 1-8 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހއ.މާރަންދޫ ބަލިކޮށްފައެވެ. މި މެޗުގައި ދިއްދޫ ޓީމުން ޖެހި 8 ލަނޑުގެ ތެެރެއިން 4 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ހައިޝަމް ރަޝީދުއެވެ. އަނެއް 4 ލަނޑު ކާމިިޔާބުކޮށްދިނީ، ހިޝާމް ހަސަން، އާދަމް ނަސީމް އަދި ތައުމީން ނޫހްގެ އިތުރުން މުހައްމަދު ޝަނައު ނަސީރުއެވެ. މާރަންދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ، އިހުސާން ޖަލީލްއެވެ.

މުބާރާތުގެ ހަތަރު ވަނަ މެޗުގައި ހދ.ނޭކުރެންދޫ އާއި ހދ.ނާވައިދޫ ވާދަކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުގައި ނޭކުރެންދޫގެ ލަނޑުތައް ކާމިިޔާބުކޮށްދިނީ، މުހައްމަދު ވިލްފްގެ އަދި މުހައްމަދު ފަރުހާންއެވެ. ނާވައިދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ޢަބްދުﷲ ޝާފިއު އަދި ޢަބްދުﷲ ވިސާމްއެވެ.

ރޭ ކުޅުނު ފަސް ވަނަ މެޗުގައި ށ.މިލަންދޫން ވަނީ 0-2 ގެ ނަތީޖާއަކުން ށ.ބިލެއްފަހީގެ މައްޗަށް ކުރި ހޯދާ ފެށުން ރަނގަޅުކޮށްފައެވެ. މިލަންދޫގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ހަސަން ނާސިހް އާދަމްގެ އިތުރުން ޢަބްދުﷲ ނާޖީއެވެ.

މުބާރާތުގައި ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ، ށ.ކޮމަންޑޫ އާއި ށ.ފޯކައިދޫއެވެ. މި މެޗު 1-3 ގެ ނަތިޖާއަކުން ކާމިޔާބުކުރީ، ފޯކައިދޫ ފުޓްސަލް ޓީމުންނެވެ. އެޓީމުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ، އިބްރާހިމް މުޝީރު، ހުސައިން ނަބީހް އަދި މުހައްމަދު ރިސްވާންއެވެ. ކޮމަންޑޫގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ސާމިހްއެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގެ މެޗުތައް ކުރިޔަށްދަނީ ހުޅުމާލެ ރެހެންދި ޓާފް ދެ ދަނޑުގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65000 ރުފިޔާ ދޭއިރު ރަނަރަޕް ޓީމަށް 25000 ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދީ ފައިނަލުގައި ބ. އޭދަފުށި ބަލިކޮށް ތ. ތިމަރަފުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.