ލިވަޕޫލުން ފަހަތުން އަރައި ނޮވިޗް ބަލިކޮށްފި

ލިވަޕޫލުން ފަހަތުން އަރައި ނޮވިޗް ބަލިކޮށްފި

Author
ޔޫސުފް
20 ފެބްރުއަރީ 2022 01:54
0

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮވިޗް ސިޓީ ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ޖެހި ލަނޑުތަކުން މޮޅުވެ، ލިވަޕޫލް ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާއި ދެމެދު އޮތް ފަރަގު 6 ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ލީގުގެ ދެ ވަނައިގައި އޮތް ލިވަޕޫލުން ވަނީ މިހާތަނަށް ކުޅުނު 25 މެޗުން 57 ޕޮއިންޓް ޕޮއިންޓް ހޯދާފައެވެ. އަދި ލިވަޕޫލަށް ވުރެއް 1 މެޗު އިތުރަށް ކުޅެގެން ސިޓީ އެއްވަނައިގައި އޮތީ 63 ޕޮއިންޓާއެކުއެވެ.

ލިވަޕޫލާއި ނޮވިޗް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ނޮވިޗް ސިޓީން ވަނީ ލަނޑެއް ޖަހާ ލިވަޕޫލް ސިއްސުވާލާފައެވެ. މި ލަނޑު 48 ވަަނަ މިނެޓުގައި ނޮވިޗަށް ކާމިޔާބުކޮށްދިނީ މިލޯސް ރަޝީކާއެވެ.

ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި ލިވަޕޫލްގެ ސާދިއޯ މާނޭ ވަނީ ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށްދީފައެވެ. އަދި އޭގެ 2 މިނެޓު ފަހުން މުހައްމަދު ސަލާހް ވަނީ އިތުރު ލަނޑެއް ލިވަޕޫލަށް ކާމިޔާބުކޮށްދީ، އެޓީމަށް ލީޑު ނަގައިދީފައެވެ. މިއީ ސަލާހް ލިވަޕޫލަށް ކާމިޔާބުކޮށްދިން 150 ވަނަ ލަނޑުވެސް މެއެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު 81 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޖެނުއަރީ ޓްރާންސްފާގައި އެޓީމަށް ގެނައި ޑިއާޒްއެވެ. މިއީ އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެއެވެ.

މި މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން ޗެލްސީ ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުން ޗެލްސީ މޮޅުކޮށްދިން ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ، ހަކީމް ޒިޔެޗްއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ 25 މެޗުން ލިބުނު 50 ޕޮއިންޓާއެކު ލީގުގެ 3 ވަނައިގައެވެ. މި މެޗުން ބަލިވި ކްރިސްޓަލް ޕެލެސް އޮތީ 25 މެޗުން ލިބުނު 26 ޕޮއިންޓާއެކު 13 ވަނައިގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.