އދގެ ނިންމުންތައް ނިންމުމުގައި އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ވިސްނުންތަކަށްވެސް ރިޢާޔަތްކުރުމަކީ މުހިއްމު ކަމެއްކަމުގައި އދގެ އާއްމު މަޖިލީހުގެ ރައީސް، އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
25 އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި، އަދި އެމަޖިލީހުގެ 17 ވަނަ ދައުރުގެ ރައީސްކަންވެސް ކުރެއްވި ޝާހިދު މިހެން ވިދާޅުވީ ޤާނޫނު ހަދާ މަޖިލިސްތަކުގެ ޖަމްއިއްޔާ، އިންޓަޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) އިން އިންތިޒާމުކޮށްގެން އާއްމު މަޖިލީހުގައި ބޭއްވި ޕާލަމެންޓަރީ ހިއަރިން ގައެވެ. މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ޤައުމުތަކަކުން ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުން ނުވަތަ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހަކީ އެމަނިކުފާނުގެ ހިތާ ގުޅިފައިވާ ތަނެއްކަމަށާއި، ޤާނޫނު ހަދަ މަޖިލިސްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާއެކު މަޝްވަރާކުރުމަށް އަބަދުވެސް މަރުޙަބާ ދަންނަވާކަމަށެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އޮސްޓްރިއާގެ ވިއެނާގައި އޮތް ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 5 ވަނަ ބައްދަލުވުމާއި، ސްޕެއިންގެ މެޑްރިޑްގައި ނޮވެމްބަރު މަހު އޮތް އައި.ޕީ.ޔޫގެ 143 ވަނަ އެސެމްބްލީގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަން ފުރުސަތު ލިބިވަޑައިގެންނެވިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގަޔާއި، އަދި ޢާއްމު މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހޭދަކުރައްވަމުން ގެންދަވާ މުއްދަތުގައި، އދ އާއި ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތައް އެއްކޮށް ކުރާ މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގެންނެވިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އދގެ ނިންމުންތައް ނިންމުމުގައި އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ވިސްނުންތަކަށްވެސް ރިޢާޔަތްކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކެވަޑައިގަންނާވަކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ކުރަން ޖެހޭ ކަންކަން ޤާނޫނު ހަދާ މަޖިލިސްތަކުން ކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.