އިންތިޚާބާއި ދިމާކޮށް، ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން ހުޅުވާލިރަށްތައް ލިސްޓުން އުނިކޮށްފި

އިންތިޚާބާއި ދިމާކޮށް، ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން ހުޅުވާލިރަށްތައް ލިސްޓުން އުނިކޮށްފި

ށ. ކޮމަންޑޫ ކައިރީގައި އޮންނަ 3 ރަށަކާއިކު 21 ރަށެއްގައި، ރިސޯޓު ހަދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލިތާ މަހެއް ނުވަނީސް ލިސްޓުން ކޮމަންޑޫ ދާއިރާގެ ކައިރީގައި އޮތް 3 ރަށުގެ ނަންތައް އުނިކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓް ހަދަން ހުޅުވާލާފައިވަނީ ކޮމަންޑޫ ކައިރީގައި އޮންނަ ށ. މެދުރަށާއި، ށ. ދިގުރަށް އަދި ށ. މައިރަށުގައި (ދިގުވެލިދޫގަ)އެވެ. މިތިންރަށްވެސް މިހާރުވަނީ ލިސްޓުން އުނިކޮށްފައެވެ. މިރަށްތައް ޓުވަރިސްޓު ރިސޯޓް ތަރައްޤީ ކުރުމަށް ހުޅުވާލީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ދިމާކޮށެވެ.

ލިސްޓުން ތިން ރަށް އުނިކޮށްފައި މިވަނީ އެ ރަށްތައް ކުއްޔަށް ދޫކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އާދިއްތަ ދުވަހު އަމުރެއް ކޮށްފައި ވަނިކޮށެވެ. އެ އަމުރު ނެރުނީ ޕްރިމިއާ އިކުއިޓީ ކިޔާ ކުންފުންޏަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ޕްރިމިއާ އިކުއިޓީ ކިޔާ ކުންފުންޏަކުން ބުނެފައިވާ ގޮތުގައި އެކުންފުނިން ރިސޯޓް ހަދަން ލ.އަތޮޅުން ސަރުކާރުން ދިން ރަށެއްގައި އަމިއްލަ މީހެއްގެ ބިމެއް އޮތުމުން ސަރުކާރުން ވަނީ އޭގެ ބަދަލުގައި ށ.އަތޮޅުގެ ތިން ރަށް އެކުންފުންޏަށް ދީފައެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި ތިން ރަށް ޕްރިމިއާ އިކުއިޓީ އަށް ދިނުމަށް މަޝްވަރާ ކުރެވުނު ނަމަވެސް އެތިން ރަށް އެކުންފުންޏާއި ހަވާލު ކޮށްފައެއް ނުވެއެވެ.

ތިން ރަށުގެ ބިމުގެ ޖާގަ އެއްކޮށްލުމުން ބޮޑު މިނުގައި 19.5 ހެކްޓަރު ހުރި މި ރަށްތަކަށް ބީލަން ހުޅުވާލީ އެކުއިޒިޝަން ކޮސްޓަށް 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ދައްކާ ގޮތަށެވެ. ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކޯޓުގައި އޮތް މައްސަލައިގައި ގޮތެއް ނުނިމެނީސް ތިން ރަށް އެހެން ބަޔަކަށް ކުއްޔަށް ދީފިނަމަ ޕްރިމިއާ އިކުއިޓީއަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ. އެހެންވެ ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަމުރު ނެރެފައިވަނީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ރަށްތައް އެހެން ބަޔަކަށް ކުއްޔަށް ނުދިނުމަށެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބާއި ދިމާކޮށް، ސަރުކާރުންވަނީ ގިނަ ޕްރޮޖެކްޓްތަކާއި، ތަރައްޤީގެ ހިނަ މަޝްރޫޢުތަކެއް ކޮމަންޑޫ ދާއިރާއަށް ހުށަހަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *