އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ކްލަބް ވެެލެންސިއާ އިން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ޕްރިމިއާ ލީގުގައި މިރޭ ޔޫވީގެ މައްޗަށް ވެލެންސިއާ އިން ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.
ވެލެންސިއާ އާއި ޔޫވީ ވާދަކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކްލަބް ވެލެންސިއާ އިންނެވެ. މި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޢަބްދުﷲ ޔާމީންއެވެ. މިއީ ކްލަބް ގްރީން ސްޓްރީޓްސް އިން ވެލެންސިއާ އަށް ބަދަލުވެ ޔާމީން ކުޅުނު ފުރަތަމަ މެޗުގެ އިތުރުން އެޓީމަށް ޖަހައިދިން ފުރަތަމަ ލަނޑުވެސް މެއެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ޢަބްދުﷲ ޔާމީންއެވެ.
މި މެޗުގައި ވެެލެންސިއާ އިން ލީޑު އިތުރަށް ފުޅާކުރީ ފުރަތަމަ ހާފް ނިމެން ވަރަށް ކައިރިވެފައިވަނިކޮށެއެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓުގައި މި ލަނޑު ވެލެންސިއާ އަށް ކާމިޔާބުކޮށްދިނީ، ބޯހަސް މާޓިންއެވެ. މި މެޗުގައި ޔުނައިޓެޑް ވިކްޓްރީން ޖެހި ހަމައެކަނި ލަނޑު 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އިވާން ވެރާސްއެވެ. މިއީ އޭނާ ޔޫވީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.
އުރީދޫ ދިވެހި ޕްރިިމިއާ ލީގުގައި މާދަމާވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ދެކޮޅަށެވެ. އަދި މާދަމާރޭ ކްލަބް އީގަލްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ