ފާއިތުވެދިޔަ 10 އަހަރު އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަޤާމު ފުރުއްވަމުންދިޔަ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެމަޤާމުން އިސްތިއުފާ ދީފިއެވެ.
އިންތި މިމަޤާމުން އިސްތިއުފާ ދީފައިވަނީ އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަޤާމަށް އޭނާ ކުރިމަތިލާން ނިންމައި ކެމްޕެއިން ފެށުމަށްފަހުއެވެ.
އިންތި އެމްޑީޕީ އޮފީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުރިއަށް އޮތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޗެއާޕާރސަންގެ އިންތިޚާބަށް ކުރިމަތިލާފައިވީހިނދު، 2012 ވަނަ އަހަރު އެމް.ޑީ.ޕީގެ ވެރިކަން ވައްޓައިލި ބަޣާވާތުން ފެށިގެން މިއަދާ ހަމައަށް އަދާކުރަމުންދިއަ އެމް.ޑީ.ޕީ. ގެ ސްޕޯކްސްޕާރސަންގެ މަޤާމުން، އިސްތިއުފާދީފައިވާކަމަށެވެ.
ސްޕޯކްސްޕާރސަންގެ މަޤާމުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެމް.ޑީ.ޕީ.ގެ ލީޑަރޝިޕާއި ސެކްރެޓޭރިއޭޓްގެ މުވައްޒަފުންނާއި މެމްބަރުންނާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތަކީ ސިޔާސީ ޙަޔާތުގައި ލިބުނު ނުހަނު ބޮޑު ތަޖުރިބާއަކާއި ޝަރަފަކާއި އުފަލެއްކަމަށް އިންތި ވިދާޅުވިއެވެ.
އެކަމަށްޓަކައި އެންމެ ބޭފުޅުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު އަބަދުވެސް އެދެނީ މި ޕާރޓީއަށް ކުރިއެރުމާއި ކާމިޔާބު.
– އިންތި ވިދާޅުވިއެވެ.
އަންނަ އޭޕްރީލް މަހުގެ 16ގައި ބޭއްވުމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު މިމަހުގެ 19އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު މި ބާއްވަނީ އެ މަޤާމުގައި ހުންނެވި ހެންވޭރު ހުޅަންގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްގެ ދައުރު މިިދިޔަ ހޮނިހިރު ދުވަހު ހަމަވުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ