ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް އައްޔަންކުރައްވާފައިވާ ޢާސިމް މުޙައްމަދު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ނިންމައިފިއެވެ.
ޕީސީބީގެ ރައީސްކަމަށް ޢާސިމް އައްޔަންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ. ޕީސީބީގެ ރައީސްކަމަށް އާސިމް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ އެ ބޯޑްގެ ނާއިބު ރައީސްކަމުގެ މަޤާމުގައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އާސިމަށް ރުހުން ދިނީ އޭނާއާ މެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއްތޯ ބެލުމަށް އާންމުކޮށް ހުޅުވާލައި ލިބުނު ޝަކުވާތަކަށް ބެލުމަށްފަހުގައި އޭނާއާ އިންޓަވިއު ވެސް ކުރުމަށްފަހުއެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ތިއްބެވި 11 މެމްބަރުންގެ ތެރެއިން 10 މެމްބަރުން ވަނީ އާސިމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
ޕީސީބީގެ ބޯޑުގައި ޢާސިމްގެ އިތުރުން ދެން ތިއްބެވި މެންބަރުންނަކީ ޢާއިޝަތު ޝާޒްލީއާއި، ޢަލީ ޝަފީއުއާއި، އަހްމަދު ޝަރީފް ޔޫސުފާއި، ރުޝާހާ އަޙްމްދު ޝަރީފްގެ އިތުރުން ޢަލީ ސުޖާއުއެވެ.
ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މިއަހަރު ބަޖެޓުގައި ވަނީ ކަނޑައަޅުއްވާފައެވެ.
ކޮމެންޓު ފޮނުވާ