ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަން އިންތި ފޯމް ހުށައަޅުއްވައިފި

ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަން އިންތި ފޯމް ހުށައަޅުއްވައިފި

Author
މުޙައްމަދު ޖިމީ
16 ފެބްރުއަރީ 2022 07:42
0

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ފޯމް ހުށައަޅުއްވައިފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އިންތި ވާދަކުރައްވަން ފޯމް ހުށައެޅުއްވިއިރު، އިންތިގެ ހެކިވެރިންގެ ގޮތުގައި ފޯމްގައި ސޮއިކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އާއި، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)އެވެ.

އިންތިވަނީ އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ފޯމް ހުށައެޅުއްވިކަން ޓްވީޓްކުރައްވާ ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުވެ ވާދަވެރިކަން ބޮޑުވެފައިވަނީ މިއީ ރައީސް ނަޝީދު ފެކްޝަނުންނާއި ރައީސް ޞަލިޙްގެ ފެކްޝަނުން ވާދަކުރާ އިންތިޚާބަކަށް ވުމުންނެވެ. އިންތި މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ނަޝިދުގެ އެދިވަޑައިގަތުމަކަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އިންތިގެ އިތުރުން ދެން މި އިންތިޚާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ. ފައްޔާޟްއަކީ ރައީސް ޞާލިޙްގެ އަރިސް ބޭފުޅެކެވެ.

ފައްޔާޟަކީ ރައީސް ޞާލިހު އެންމެ އިތުބާރު ކުރައްވާ އެއްވަޒީރެވެ. މިނިސްޓަރު ކަމުގެ މަޤާމުން ފައްޔާޟު ވަކިކުރުމަށް އެމްޑީޕީގެ ރައީސް ނަޝީދު މަސައްކަތް ކުރެއްވުމުންވެސް ސީދާ ރައީސް ޞާލިހު ވަނީ ފައްޔާޟުގެ ދިފާއުގައި ނުކުންނަވައި ފައްޔާޟަށް ފުރިހަމަ އިތުބާރު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މެމްބަރު އިންތިއަކީ، ރައީސް ނަޝީދަށް ވަރަށް ލޯޔަލް އަދި ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅަކެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަކީ ޕާޓީގެ ހިންގުމުގެ އެންމެ އިސްފަރާތަށްވާއިރު، މިމަޤާމަކީ އެމްޑީޕީގެ އެންމެ ބާރުގަދަ އެއްމަޤާމެވެ. ރިޔާސީ އިންތިޚާބަށް ގާތްވަމުންދާއިރު މިމަޤާމަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅަކަށްވެސް މުހިންމު މަޤާމެކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މިއަދު ހުޅުވާލާނެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ބުނެފައިވަނީ، އިންތިޚާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެއިންތިޚާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.