ޗެއަރޕާސަންކަމަށް އިންތި އިންތިޚާބުކުރަން ސާބެ އެމްޑީޕީގެ ކެމްޕެއިން ކޮމިޓީން އިސްތިއުފާދެއްވައިފި

ޗެއަރޕާސަންކަމަށް އިންތި އިންތިޚާބުކުރަން ސާބެ އެމްޑީޕީގެ ކެމްޕެއިން ކޮމިޓީން އިސްތިއުފާދެއްވައިފި

Author
މުޙައްމަދު ޖިމީ
14 ފެބްރުއަރީ 2022 10:55
0

އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީއަށް ކެމްޕެއިންކުރުމަށް އެޕާޓިގެ މެމްބަރޝިޕް އަދި ކެމްޕޭން ކޮމިޓީން އަޙްމަދު ޝާހިދު (ސާބެ) އިސްތިއުފާދެއްވައިފިއެވެ.

ސާބެއަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲގެ ފިރިކަލުންނެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުވެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

މިނިސްޓަރ ފައްޔާޟްއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަފާތެރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އިންތިއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ތާއީދުކުރާ ރައީސް ނަޝީދަށް ލޯޔަލް ބޭފުޅެކެވެ. މިދެބޭފުޅުންގެ ވާދަވެރިކަމަކީ ރައީސް ނަޝީދާއި، ރައީސް ޞާލިހު އެމްޑީޕީގެ ޕާޓީގެ ބާރުތައް ނެގުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސާފު މަންޒަރެއް ފެނިގެންދާ އިންތިޚާބަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

އަންނަ އޭޕްރީމް މަހުގެ 16ގައި ބާއްވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި ވަނީ މިދެބޭފުޅުންނެވެ. މިއާއެކު އެމްޑީޕީގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވަނީ ތާޢީދުކުރައްވާ ކެނޑިޑޭޓުންނަށް ކެމްޕެއިން ފަށްޓަވާފައެވެ.

މެމްބަރޝިޕް އަދި ކެމްޕޭން ކޮމިޓީން އިސްތިއުފާދެއްވާ ސާބެ ވިދާޅުވީ، އިސްތިއުފާދެއްވީ އިންތިއަށް ކެމްޕެއިން ކުރެއްވުމަށްކަމަށެވެ. އިންތިއަކީ ޕާޓީގެ އަސާސްތައް އަބަދުވެސް ހިފަހައްޓާ، ތެދުވެރިކަމާ، ނަޒާހާތްތެރިކަމުގެ ނަމޫނާއެއްކަމަށާއި، އެމްޑީޕީ އެކުގައި ތިބުމަށް، މިވަގުތު ބޭނުންވަނީ އިންތިކަމަށް ސާބެ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަން އިމްތިޔާޒް ހާމަކުރެއްވިނަމަވެސް އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އިމްތިޔާޒް ކުރައްވާތާ މިއީ ތިން ވަނަ ދައުރެވެ. ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވާ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، އެ މަޤާމަށް ކުރިމަތިލެއްވީ އެމްޑީޕީ އިތުރަށް ހަރުދަނާ ކުރުމަށްކަމަށާ، އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކުރުމާއި އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުންކަމަށެވެ.

މިނިސްޓަރ ފައްޔާޟަށް މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު އޮތްކަން ހާމަކުރަމުންދާއިރު، މެމްބަރު އިންތިއަށް އެމްޑީޕީގެ ގްރާސްރޫޓުގެ ވަރަށް ގިނަ މެމްބަރުންގެ ތާއީދު އޮތްކަމަށް ދަނީ ހާމަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.