އާލިއާގެ "ގަންގޫބާއި ކަތިއަވަޅީ"ގެ ޕްރޮމޯޝަންތައް އަންނަނީ ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ތަފާތު ޕްރޮގްރާމް ތަކުގައި ބައިވެރި ވުމާއި ނޫސްކޮންފަރެންސް ތަކުގައި ބައިވެރި ވުމުގެ އިތުރުން ގިނަ ހަރަކާތްތައް މި ފިލްމު ޕްރޮމޯޓް ކުރުމަށް އަންނަނީ ބާއްވަމުންނެވެ.
ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި އާލިއާ ކުޅެފައިވަނީ ގަންގޫބާއިގެ ރޯލެވެ. މި ފިލްމްގެ މުހިންމު ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެން ދާނެއެވެ.
ރޭޑިއޯ ޝޯވ އެއްގައި ވާހަކަ ދައްކަމުން އާލިއާ ބުނެފައިވަނީ މި ފަދަ ރޯލަކަށް އޭނާ މާ ޒުވާން ކަމަށް، ރަހުމަތްތެރިން ބުނި ކަމަށެވެ. ނަމަވެސް މިއީ އޭނާގެ ދިރިއުޅުމާ ވަރަށް ގުޅޭ ރޯލެއް ކަމަށް އޭނާ ބުންޏެވެ. އަދި ގަންގޫބާއިގެ ދިރިއުޅުމަށްވެސް އުމުރުން 16-17 އަހަރުގައި ވަރަށް ބޮޑު ބަދަލެއް އައިކަމަށް އާލިއާ ވަނީ ބުނެފައެވެ. އަދި އެއީ އޭނާވެސް އިންޑަސްޓްރީއަށް ވަދެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި އުމުރެއް ކަމަށް އާލިއާ ބުނެފައިވެއެވެ.
ހަމަ އެހެންމެ ގާންގޫބާއިގެ 30ގެ އަހަރުތަކުގައި ވަރަށް ބާރުގަދަ މީހުން ގެ އިހުތިރާމާއި ލޯބި ހޯދިކަމަށާއި އޭނާ ވެސް ގުނަމުން އަންނަނީ 30 ގެ އަހަރުތައް ކަމަށް އާލިއާ ވަނީ ބުނެފައެވެ. ހަމަ އެއާއެކު އާންމުގެ އިހުތިރާމާއި ލޯބި ލިބި އިންޑަސްޓްރީގައި މިހާރު ވަރަށް ކުރި އެރިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ގަންގޫބާއި" އަކީ 1960 ގެ ތެރޭގައި މުމްބާއީގައި އުޅުނު ނުފޫޒު ގަދަ މާފިއާ އަންހެނެއް ކަމަށްވާ ގަންގޫބާއި ކޮތެވަލީގެ ވާހަކަ ކިޔައިދޭ ބަޔޮގްރަފިކަލް ކްރައިމް ޑްރާމާއެކެވެ.
ކޮވިޑް-19 ސަބަބުން ރިލީޒްކުރުން ލަސްވި މި ފިލްްމު ރިލީޒް ކުރުމަށް މިހާރު ތާވަލް ކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހަށެވެ.