ޕެންޝަން އޮފީހުގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކޮށްފި

ޕެންޝަން އޮފީހުގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކޮށްފި

Author
މުޙައްމަދު ޝަޒައިމް
13 ފެބްރުއަރީ 2022 08:47
0

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މި ދެބޭފުޅުންނަކީ މޯޓެޒާ ކެޕިޓަލްގެ މެނޭޖިންގ ޑައިރެކްޓަރ ޣާލީ މުރުތަޟާ އާއި އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިންގ ޕާރޓްނަރ އަބްދުލް މަޖީދު އަލީއެވެ. ޣާލީ މުރުތަޟާ އަކީ ހޮސްޕިޓަލިޓީ އަދި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ދާއިރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެކެވެ.

އަބްދުލް މަޖީދަކީ އެސްއެމްއީ ފައިނޭންސާއި، އޮޑިޓިންގ އަދި ގަވަނަންސް ދާއިރާގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެކެވެ. މިދެބޭފުޅުން ބޯޑަށް އައްޔަން ކުރައްވާފައިވަނީ 10 ފެބްރުވަރީ 2022 އިން ފެށިގެން ކުރިޔަށް އޮތް 3 އަހަރުގެ މުއްދަތަށެވެ.

ޕެންޝަން އޮފީހުގެ ބޯޑަކީ 8 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ޗެއަރޕާސަންގެ އިތުރުން ޕަބްލިކް ސެކްޓަރ ތަމްސީލް ކުރާ 3 މެންބަރުންނާއި ޕްރައިވެޓް ސެކްޓަރ ތަމްސީލް ކުރާ 4 މެންބަރުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި އައްޔަންކުރަނީ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެންބަރުން ހޮވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރާ ނަންތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންނެވެ.

ބޯޑު މެންބަރުން ހޮވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީގައި ހިމެނެނީ ސިވިލް ސާރވިސް ކޮމިޝަނާއި ، މިނިސްޓްރީ އޮފް ފައިނޭންސް އަދި އެއިރެއްގައި ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރާ މިނިސްޓްރީން ކަނޑައަޅުއްވާ ބޭފުޅުންނެވެ. މިކޮމިޓީ އިން ޝޯޓްލިސްޓް ކުރައްވާ ބޭފުޅުންގެ ކިބައިގައި ގާނޫނުގައި ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވާކަން ކަށަވަރުކުރުމަށް އެބޭފުޅުންގެ ނަންތައް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ފޮނުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.