ވެރިކަންކުރާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަޤާމަށް، މިހާތަނަށް އެމަޤާމު ފުރުއްވަމުންދިޔަ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ އިންތިޚާބު 18 ފެބްރުއަރީ 2022ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ހަމަވާއިރު، އެވަގުތުގެ ކުރިން ފޯމް ހުށަހަޅަންޖެހެއެވެ. ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ކަމަށް އެއްބޭފުޅަކު އިންތިޚާބު ކުރާއިރު، ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ކަމަށް ދެބޭފުޅަކު އިންތިޚާބު ކުރާނެއެވެ. އަދި އަމީން އާއްމުގެ މަގާމަށް އެއްބޭފުޅަކު، އަމީން އާއްމުގެ ނާއިބުގެ މަގާމަށް އެއްބޭފުޅަކު ޗީފް ވިޕްއަށް 6 ބޭފުޅުން އިންތިޚާބު ކުރާނެއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަޤާމަށް އަސްލަމް ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، އެންމެ ފަހުން ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައިވެސް އޭނާވަނީ ޕީޖީ ގްރޫޕްގެ ލީޑަރަކު ނެތި ގިނަ ދުވަސްތަކެއްވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަސްލަމް ދަނީ މަޤާމަށް ވާދަކުރެއްވުމަށް ނިންމަވައި، މެމްބަރުން ތާއީދު ހޯއްދެވުމަށްވެސް މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަޤާމު މިހާތަނަށް ފުރުއްވި އާޒިމް ވަނީ މިފަހަރުވެސް ޕީޖީ ލީޑަރުގެ މަޤާމަށް ވާދަކުރެއްވުމަށް ނިންމަފާވައެވެ. އެމްޑީޕީގެ ލީޖީ ގްރޫޕްގެ މެމްބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް އާޒިމްވެސް ކުރައްވަމުންދާއިރު، މިފަހަރު އާޒިމަށް މިއިންތިޚާބު ކާމިޔާބް ކުުރުމުގައި ހުރަސްތަކެއް ހުރިކަމަށް ބައެއް މެމްބަރުން ދަނީ ފާހަގަ ކުރަމުންނެވެ.
އާޒިމްއަކީ ރައީސް ނަޝީދަށް ތާއީދު ކުރާ، ރައީސް ނަޝީދުގެ ވިސްނުމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅަކަށް ވާއިރު، އަސްލަމަކީ ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބޭފުޅެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކު ނެތި މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައި ވާއިރު، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި ބޮޑެތި ޚިޔާލުތަފާތުވުން އުފެދި، ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި އަދި ރައީސް ސާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ޕާލަމެންޓްރީ ގުރޫޕުވަނީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައެވެ. އަދި މި ވާދަވެރިކަމުގައި، ފާއިތިވެދިޔަ ތަނުގައި ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން މަޖިލިސް ފްލޯގައި ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވާފައިވާކަން ފާހަގަ ކޮށްލެވެ.
އެމްޑީޕީންވަނީ އެޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން ކަނޑައެޅުމަށްޓަކައި އިންތިޚާބުތައް ބާއްވާނެ ތަރީހުތައް މިހާރު ވަނީ ކަނޑައަޅާފައެވެ. އެމްޑީޕީގެ އަސާސީގަވާއިދުގައި ބުނެފައިވަނީ، އިންތިޚާބު ބޭއްވުމުގެ 60 ދުވަސްކުރިން އެއިންތިޚާބަކަށް ވާދަކުރުމުގެ ފުރުސަތު ގުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ