ޕާކިންގ އިމާރާތްތައް ސަރުކާރުން ނުހުއްޓުވާނެ ކަމަށް އުންމީދު ކުރަން: މޭޔަރު

ޕާކިންގ އިމާރާތްތައް ސަރުކާރުން ނުހުއްޓުވާނެ ކަމަށް އުންމީދު ކުރަން: މޭޔަރު

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2022 08:10
0

މާލޭ ސިޓީއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ޙައްލުކުރުމަށް ސިޓީ ކައުންސިލުން އެޅުމަށް މަސައްކަތް ކުރަމުންދާ ޕާކިންގ އިމާރާތްތައް އެޅުން ސަރުކާރުން ނުހުއްޓުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ މާލޭގައި އެންމެ ބޮޑު އެއް މައްސަލައަކީ ވެހިކަލްތައް ޕާކުކުރުމަށް އެކަށީގެންވާ ޖާގަ ނެތުމާއި މަގުތަކާ ގުޅިފައިވާ މައްސަލަތައް ކަމަށެވެ. އެހެންކަމުން މާލޭ ސިޓީ ކައުންސިލުގެ މިދައުރުގައި ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި އެންމެ އިސްކަމެއް ދީފައިވާ އެއް ކަމަކީ މި މައްސަލައަށް ޙައްލު ހޯދުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގައި ޕާކިންގ އިމާރާތްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް އެއީ ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށެވެ. ވޭތުވެދިޔަ އަށްމަސް ދުވަހު މިކަމަށް ގިނަ މަސައްކަތްތަކެއް ކޮށް، މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ބިންތަކުގައި ޕާކިންގ އިމާރާތްތަކެއް އެޅުމަށް އިންވެސްޓަރުން ހޯދުމަށް ހުޅުވާލުމަށް ކައުންސިލުން މިހާރު ވަނީ ފާސްކޮށްފައި ކަމަށް މޭޔަރު ވިދާޅުވިއެވެ.

ކައުންސިލުން ފާސްކޮށްފައި މިވަނީ މިކަމަށް އިންވެސްޓަރުން ނުވަތަ ޑިވެލޮޕަރުން ހޯދުމަށް ހުޅުވާލުމަށް. ކައުންސިލުގެ ބަޖެޓަކުން މިކަމެއް ނުއެއް ކުރެވޭނެ. އަދި ސަރުކާރަކަށް ވެސް އެހާ ބޮޑު ޚަރަދެއް ކުރާކަށް ފައިސާދޭކަށް ފަސޭހައެއް ނުވާނެ. އެހެންވީމަ ކައުންސިލުން އާމްދަނީ ހޯދައިގެން ނޫނީ އިންވެސްޓަރުން ހޯދައިގެން މިފަދަ ކަންކަން ކުރުން ނޫން ގޮތެއް ނޯންނާނެ.

– މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

ޑރ. މުޢިއްޒު ވިދާޅުވީ މާލޭގެ ފަސް ސަރަޙައްދެއްގައި ޕާކިންގ އިމާރާތްތައް އެޅުމަށް އިންވެސްޓަރުން ހޯދުމަށް ހުޅުވާލުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. ވަރަށް އަވަހަށް މިކަމަށް ހުޅުވާލެވޭނެކަން ފާހަގަކުރައްވައި ވިދާޅުވީ މިކަމަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކޮންމެ ކަމެއްގައި އެބަ ހުރަސްއަޅުއްވާ. އެއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. ސަރުކާރަށް ވެސް ލުއިވާނީ މިކަހަލަ މުހިންމު ކަންކަން ކައުންސިލުން ވެސް ކުރީމަ. ރައްޔިތުންނަށް މުހިންމު މިކަހަލަ ކަންކަމަށް ލުއިތައް ލިބިގެންދިއުން ސަރުކާރަށް ވެސް މުހިންމު ވާނެ ކަމަށް އަޅުގަނޑު ދެކެން. އެހެންވީމަ މިކަން ނުހުއްޓުވާނެ ކަމަށް އުންމީދު ކުރަން.

– މޭޔަރު މުޢިއްޒު

ޕާކިންގ އިމާރާތްތަކެއް އެޅެނެްދެން ވެސް ޕާކިންގެ މައްސަލައަށް ޙައްލުތަކެއް ބޭނުންވާތީ އެކަމަށް މިހާރުވެސް ދަނީ މަސައްކަތްތަކެއް ކުރެވެމުންކަން ފާހަގަކުރައްވައި ވިދާޅުވީ ހުސްކޮށް ހުރި ބިންތަކުގައި ގާއަތުރައިގެން ޕާކިންގ ސްލޮޓުތައް ހަދަމުންދާ ކަމަށެވެ. ވަގުތީ ޙައްލުގެ ގޮތުގައި މަގުމަތިންނާއި ހުސްބިންތަކުން ޕާކުކުރެވޭނެ ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ކައުންސިލުން އުޞޫލެއް އެކުލަވައިލައި ކުލި ދީގެން ޕާކުކުރެވޭގޮތަށް އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މާލޭގައި ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް އަލުން ކުރިމަތިލާން ހުޅުވާލުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ އެއްގޮތަށް ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޕާކިންގ ސްލޮޓުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އެކަމަށް ޤާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެ ކަމަށެވެ.

މި ސްލޮޓުތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ޚާއްޞަ ސްލޮޓުތައް ހިމެނެއެވެ. ކުއްޔަށް ދޫކުރާ 211 ސްލޮޓުގެ ތެރެއިން 25 ޕަސަންޓު ސްލޮޓު ޚާއްޞަކޮށްފައިވަނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ. ޕާކިންގ ސްލޮޓުތަކުގައި ޕްރައިވެޓް ކާރެއް ޕާކު ކުރުމަށް ކަނޑައަޅާފައިވަނީ 1،500 ރުފިޔާގެ މަހު ފީއެކެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިވަގުތަށް މި ޢަދަދު ވަނީ 1،000 ރުފިޔާއަށް ކުޑަކޮށްދީފައެވެ. ޓެކްސީތަކަށް ޖާގަ ދޫކުރަނީ މަހަކު 750 ރުފިޔާގެ މަގުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.