ލީޑްސް އަތުން އެވަޓަން މޮޅުވިއިރު، ސައުތެމްޓަން އަތުން ޔުނައިޓެޑް އެއްވަރު

ލީޑްސް އަތުން އެވަޓަން މޮޅުވިއިރު، ސައުތެމްޓަން އަތުން ޔުނައިޓެޑް އެއްވަރު

Author
ޔޫސުފް
12 ފެބްރުއަރީ 2022 10:45
0

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް އަތުން އެވަޓަން ބޮޑު މޮޅެއް ހޯދިއިރު، ސައުތެމްޓަން އަތުން މެންޗެސްޓަރ ޔުނައިޓެޑް އެއްވަރު ވެއްޖެއެވެ.

އެވަޓަންގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ލީޑްސްގެ މައްޗަށް އެޓީމުން ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. އަދި ޔުނައިޓެޑާއި ސައުތެމްޓަން މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އެވަޓަން އާއި ލީޑްސް ބައްދަލުކުރި މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އެވަޓަން އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކޮލެމަންއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ 23 ވަނަ މިނެޓުގައި އެވަޓަންއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ކިއޭންއެވެ. އަދި ތިންވަނަ ލަނޑު ދެވަނަ ހާފްގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އެންތަނީ ގޯޑޮންއެވެ.

ލީޑްސް ޔުނައިޓެޑް އަތުން އެވަޓަން ބޮޑު މޮޅެއް ހޯދިއިރު، މިއީ އެޓީމުގެ ކޯޗުކަމާއި ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން އެޓީމު ލީގުގައި މޮޅުވި ފުރަތަމަ ފަހަރެއެވެ. ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ހޯދި 22 ޕޮއިންޓާއެކު އެވަޓަން އޮތީ 16 ވަނައިގައެވެ. އަދި ލީޑްސް އޮތީ 23 މެޗުން ލިބުނު 23 ޕޮއިންޓާއެކު 10 ވަނައިގައެވެ.

މި މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑް ވަނީ ސައުތެމްޓަން އަތުން އެއްވަރުވެ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ޕްރެޝަރެއް ކުރިމަތިވެފައެވެ.

މި މެޗު ފަށައިގެން 21 ވަނަ މިނެޓުގައި ޖޯޑަން ސަންޗޯ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފް ނިންމާލީ 0-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފް ފަށައިގެން 3 ވަނަ މިނެޓުގައި ސައުތެމްޓަނުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޗޭ އެޑަމްސްއެވެ.

ލީގުގައި ޔުނައިޓެޑް މިދިޔަ ހަފްތާ ނޮވިޗް ސިޓީ އާއި ވާދަކުރި މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. އެހެންކަމުން ލީގުގެ ގަދަ ހަތަރަކަށް އެރުމަށް އެޓީމު ކުރަމުން އަންނަ މަސައްކަތަށް އިތުރު ޕްރެޝަރުތަކެއް މި ވަނީ ކުރިމަތިވެފައެވެ. ލީގުގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު 24 މެޗުން ލިބުނު 40 ޕޮއިންޓާއެކު އެޓީމު އޮތީ ފަސް ވަނައިގައެވެ. ހަތަރު ވަނައިގައި ވެސްޓް ހޭމްވެސް 40 ޕޮއިންޓާއެކު އޮތްއިރު، އެޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ވަޓްފޯޑް އާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ، 0-2 ގެ ނަތީޖާއަކުން ބްރައިޓަން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި ބްރެންޓްފޯޑް އާއި ކްރިސްޓަލް ޕެލެސް ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.