އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، އެމްޑީޕީގައި ހަރަކާތްތަކުން އިސްކޮށް ފެންނަ މެންބަރެއްކަމަށްވާ ސަފާއަތު އަޙްމަދު ޒާހުރު ވާދަކުރާން ނިންމަވައިފިއެވެ.
އެމްޑީޕީ އަންހެނުންގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިއަދުއެވެ. އަންނަ އޭޕްރީލް މަހުގެ 16ގައި ބޭއްވުމަށް ނިންމާފައިވާ އެ އިންތިޚާބުގައި ވާދަކުރައްވާނެކަން ރޮޒައިނާ ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ސަފާއަތުވެސް ވަނީ އެ މަޤާމަށް ވާދަކުރުމުގެ ޝަޢުގުވެރިކަން ފާޅުކުރައްވާފައެވެ.
بِسْمِ اللَّهِ الرَّحْمَنِ الرَّحِيم
އަޅުގަނޑު އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުގެ ރައީސާކަމަށް ކުރިމަތިލާން ގަސްތުކޮށްފިން. ތިޔަބޭފުޅުންގެ ލޮތްބާއި، ތާޢިދާއި އެކު އަޅުގަނޑު ހޮއްވަވައި ދެއްވައިފިނަމަ އަންހެނުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތުގައި ދެމިހުންނާނަން. ޝުކުރިއްޔާ. ✅⚖️ pic.twitter.com/DbDX20d0Ix— Safaath Ahmed (@safaathahmed) February 10, 2022
އެމްޑީޕީގެ ގިނަ މަޤާމުތަކަށް މެންބަރުން އައްޔަންކުރުމަށް ބާއްވާ އިންތިޚާބަށް ވަނީ ވާދަވެރިކަން ބޮޑުވެފައެވެ. އެންމެ ވާދަވެރިކަން ބޮޑީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމެވެ. މިގޮތުން އެ މަޤާމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، އެސްޓީއޯގެ އެމްޑީ ޙުސައިން ޢަމްރު ވާދަކުރައްވާނެކަން ވާނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާދަކުރައްވަން ނިންމަވާފައި ވާކަން ވެސް ވަނީ ކަށަވަރުވެފައެވެ.
އިންތި އަދި ރަސްމީކޮށް މިމަޤާމަށް ވާދަކުރައްވާނެކަމަށް އިއުލާން ނުކުރެއްވި ނަމަވެސް އޭނާ ގެންދަވަނީ އެމްޑީޕީގެ އިސްބައެއް ބޭފުޅުންނާއި، އާންމު މެމްބަރުންނާއިވެސް މިކަމުގައި މަޝްވަރާ ކުރަމުންނެވެ. އިންތި ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވަން ނިންމަވާފައިވަނީ މިމަޤާމަށް އޭނާއަށް ކެމްޕެއިންވެސް ބައެއް ފަރާތްތަކުން ކުރަމުންދަނިކޮށެވެ.
މިއިންތިޚާބުގައި މިނިސްޓަރ ފައްޔާޟް އިސްމާއިލް ވާދަކުރައްވަން ނިންމުމާއި ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ ތެރެއިން މިމަޤާމަށް ބޭފުޅަކު ވާދަކުރައްވާނެކަމަށް ގިނަބަޔަކު ދިޔައީ ބުނަމުންނެވެ. ފައްޔާޟަކީ ރައީސް ޞާލިހު އެންމެ އިތުބާރު ކުރައްވާ އެއްވަޒީރެވެ. މިނިސްޓަރު ކަމުގެ މަޤާމުން ފައްޔާޟު ވަކިކުރުމަށް އެމްޑީޕީގެ ރައީސް ނަޝީދު މަސައްކަތް ކުރެއްވުމުންވެސް ސީދާ ރައީސް ޞާލިހު ވަނީ ފައްޔާޟުގެ ދިފާއުގައި ނުކުންނަވައި ފައްޔާޟަށް ފުރިހަމަ އިތުބާރު ކުރައްވާކަމަށް ވިދާޅުވެފައެވެ.
މެމްބަރު އިންތިއަކީ، ރައީސް ނަޝީދަށް ވަރަށް ލޯޔަލް އަދި ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅަކެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަކީ ޕާޓީގެ ހިންގުމުގެ އެންމެ އިސްފަރާތަށްވާއިރު، މިމަޤާމަކީ އެމްޑީޕީގެ އެންމެ ބާރުގަދަ އެއްމަޤާމެވެ. ރިޔާސީ އިންތިޚާބަށް ގާތްވަމުންދާއިރު މިމަޤާމަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅަކަށްވެސް މުހިންމު މަޤާމެކެވެ.
ކޮމެންޓު ފޮނުވާ