ސިޔާސީ ބައިބައިވުންތަކަށް ހައްލު ނުލިބި، ލީބިއާ އަނެއްކާވެސް އަހުލީ ހަގުރާމައަކަށް ހިގައިދާނެކަމުގެ ބިރު ހީވެއްޖެ

ސިޔާސީ ބައިބައިވުންތަކަށް ހައްލު ނުލިބި، ލީބިއާ އަނެއްކާވެސް އަހުލީ ހަގުރާމައަކަށް ހިގައިދާނެކަމުގެ ބިރު ހީވެއްޖެ

Author
ހުސެއިން
11 ފެބްރުއަރީ 2022 07:19
0

ނޭޓޯއިން އިސްނަގައިގެން ހިންގި އަސްކަރީ އޮޕަރޭޝަންގައި އޭރު ލީބިއާގެ ވެރިކަމުގައި ހުންނެވި އެގައުމުގެ ލީޑަރު މުއަމަރުލް ގައްޒާފީ އަވަހާރަކޮށްލާ، ހުޅަނގުން ތާއީދުކުތާ ވެރިކަމެއް ލިބިއާގައި ގާއިމު ކުރެވުމަށްފަހު ފާއިތުވެދިތަޔަ 11 އަަހަރު ދުވަހުގެ ތެރޭގައިވެސް ހަމަޖެހުން އައިސްފައި ނުވަނިކޮށް، ފާއިތުވެދުޔަ އަހަރުން ފެށިގެން، ޔޫއެންގެ ރުހުމާއެކު އެގައުމުގައި އެކުލަވާލި ސަރުކާރު ރޫޅި އަނެއްކާވެސް ލީބިއާ އަހުލީ ހަގުރާމައެއްގެ ތެރެއަށް ހިގައިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ތެލުގެ މުއްސަދިކަން ލިބިފައިވާ ލީބިއާގައި، އެގައުމުގެ ހުޅަނގާއި އިރުމަތީގައި ހަގުރާމަކުރާ ފަރާތްތައް ދެ ފެކްޝަނަކަށް ބެހި، އެހެންނަަމަވެސް ފާއިތުވެދިޔަ އަހަރު ވަނީ މި ދެގައުމުގެ މެދުގައި ސުލްހަ ގާއިމް ކުރެވި، އިންތިގާލީ ސަރުކާރެއްގެ ގޮތުގައި، ގަވަރމެންޓް އޮފް ނޭޝަނަލް ޔުނިޓީ (GNU)ގެ ނަމުގައި އެއްބައިވަންތަ ކަމުގެ ސަރުކަރެއް އެކުލަވާލެވިފައެވެ. އަދި މި ސަރުކާރުގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ވެފައިއޮތީ، އަލުން ގައުމު އެއްބައިވަންތަ ކުރުވުމާއި އަދި މުވައްސަސާތައް ހަރުދަނާކޮށް އެކިލަވާލުމެވެ.

އެހެންނަމަވެސް، ފާއިތުވެދިޔަ އަހަރު ބޭއްވުމަށް ހަމަޖެހުން ރިޔާސީ އިންތިޚާބު ނުބޭއްވި ލަސްވެގެން ދިއުމާއެކު އުފެދުނު ޚިޔާލު ފަތާތުވުން ތަކުގައި، މިހާރު ލިބިއާގައިވަނީ އެކީގައި ހިގަމުންދާ ދެ ސަރުކާރެއް އެކުލަވާލެވިފައެވެ.

މިގޮތުން އެގައުމުގައި ޔޫއެންގެ ބައިވެރިވުމާއެކު ފާއިތުވެދިޔަ އަހަރު އެކުލަވާލެވުނު ގަވަރމެންޓް އޮފް ނޭޝަނަލް ޔުނިޓީ (GNU) ސަރުކާރުގެ ބޮޑުވަޒީރު، އަބުދުލް ހާމިދު ދުބެއުބާގެ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކަޑައެޅިގައި އޮތީ ފާއިތުވި ޑިސެމްބަރ މަހުގެ 24ވަނަ ދުވަހު ލީބިއާގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމެވެ.

އެހެން އިންތިޚާބަށް މަހަކަށް ވެގެންދިޔައިރުވެސް، އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ހައްލު ނުލިބި، އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން އެންމެފަހުން ނިންމާފައިވަނީ އިންތިޚާބު ފަސް ކުރުމަށެވެ. އަދި އިންތިޚާބުގެ ކަންކަން ބެލުމަށް ހަވާލުކުރެވުނު ޕާލަމެންޓްރީ ކޮމިޓީން ބުނެފައިވަނީ އެތާރީޚުގައި އިންތިޚާބު ބޭއްވުމަކީ މުސްތަހީލުކަމެއް ކަމުގައެވެ.

އަދި އިންތިޚާބު ލަސްކުރެވުމާއެކު، ލީބިއާގެ އިރުމައްޗަށް ނިސްބަތްވާ ފަރާތްތަކުގެ ޕާލަމެންޓުން މިހާރުވަނީ ގަވަރމެންޓް އޮފް ނޭޝަނަލް ޔުނިޓީ (GNU) ގަބޫލު ނުކުރާނެކަމަށް ބުނެ އާ ބޮޑުވަޒީރަކު އައްޔަން ކޮށްފައެވެ.

އެހެންނަމަވެސް، އެގައުމުގެ ގާނޫނުހަދާ މަޖިލިހުގެ ރައީސް، އަދި ރިޔާސީ ކެނޑިޑޭޓެއް ކަމުގައިވާ އަގުއިލާ ސާލިހު ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގެ އެއް މަސްކުރިން ބޭއްވުމަށް ގާނޫނެއް ފާސް ކުރައްވާފައެވެ. އެހެންނަމެވެސް އެގައުމުގެ މުވައްސަސާތަކުން ބުނެފައިވަނީ، ސާލިހު މިގާނޫނު ފާސްކޮށްފައިވަނި އުސޫލާ ޚިލާފަށް ކަމަށެވެ. އަދި ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދަނީ މިގާނޫނުގައި ވާގޮތުގެ މަތިން ރިޔާސީ އިންތިޚާބު ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގެ ކުރިން ބާއްވައިފި ނަމަ، ގާނޫނުހަދާ މަޖުލިހުގެ ގިނަ ގޮނޑިތައް އިންތިޚާބުވާ ރައީސަކު ނަންގަވާނެ ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން މިހާރު ލީބައާގައި އަނެއްކާވެސް ދެސަރުކާރެއް އުފެދި، މި ހަމަނުޖެހުންތައް އަސްކަރީ ކުރިމަތި ލުންތަކަކަށް ބަދަލުވެގެން ހިގައިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.