ދޫނިތައް މަރާލުމުގައި، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާ އެންމެހާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ފިޝަރީޒް މިނިސްޓްރީން ދީފިއެވެ.
ދޫނިތައް މަރާލި މައްސަލައިގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު" އާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ 5 ޝިޕްމަންޓެއްގައި ހިމެނޭ ދޫނިތަކެއް މިނިސްޓްރީގެ ދަށުން ހިންގާ ޕްލާންޓް އެންޑް އެނިމަލް ކުރަންޓީން ސާރވިސްއިން 8 ފެބްރުއަރީ 2012 ގައި ނައްތާލުމާއި ގުޅިގެން، ރައްޔިތުން ފާޅު ކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކާއި އިޙްޞާސްތައް އިޚްލާސްތެރިކަމާއެކު ބަލައިގަނެ، އެކަމާމެދު ހިތާމަކުރާކަމަށެވެ.
ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭ ޖަނަވާރާއި ގަސްގަހާގެހި އިންސްޕެކްޓްކޮށް ކަރަންޓީންކުރުމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ އިޖުރާޢަތްތަކާއި ބައިނަލްޢަޤްވާމީ މުޢާޙަދާއާއި އެއްގޮތަށް މި މިނިސްޓްރީން ފޯރުކޮށްދިނުން ލާޒިމްކުރާ އަސާސީ ޚިދުމަތެއްކަމަށާއި، މިގޮތުން، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި، ނައްތާލަންޖެހޭ ޙާލަތްތަކުގައި، ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ނައްތާލަމުން އައިސްފައިވާކަން ފާހަގަ ކުރާކަމަށެވެ.
މިކަމާއި ގުޅިގެން، ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލު ރިޕޯޓެއް އެކުލަވާލުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އެންގަވާފައެވެ. އެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. މިރިޕޯޓަކީ، ލިބެންހުރި ލިޔެކިޔުމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކަންހިނގިގޮތުގެ ޙަޤީޤަތް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާ ރިޕޯޓެއްކަމަށް ވަނީ ބުނެފައެވެ.
ދިރޭތަކެތަކެއްޗަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެވޭކަމާއި، ރައްޔިތުންގެ އާއްމު ޞިއްޙަތު ރައްކާތެރި ކުރެވޭކަން ކަށަވަރު ކުރުމާއިއެކު، ޕްލާންޓް އެންޑް އެނިމަލް ކަރަންޓިން ޚިދުމަތް ދިވެހިރާއްޖޭގައި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، ޤާނޫނާއި ޤަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް، ކަމާބެހޭ މަސްލަޙަތު ވެރިންގެ ލަފަޔާއި އިރުޝާދާއިއެކު ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ ދެއްވާފައެވެ.
އަދި މިކަމާއި ގުޅިގެން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާ އެންމެހާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަންވެސް ވަނީ އަރުވާފައެވެ.
މިފަދަ ކަންކަން މުސްތަޤްބަލުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ދިވެހިރާއްޖެއަށް ދޫންޏާއި ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުން ކަމަށްވާތީ، ރާއްޖެއަށް ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން، އެކަންކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.