ވޯޓު ލީދުވަހު އެމެރިކާގެ ރައީސްގެ ކެމްޕޭން ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ވައިޓްހައުސް ބޭނުން ކޮށްފައިވާ މައްސަލަ އެގައުމުގެ ފެޑެރަލް ވޮޗްޑޮގްގެ ފަރާތުން ތަހުގީގު ކުރަމުންދާ ކަމަށް ބައެއް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގެ ޑިމޮކްރަޓިކް ޕާޓީގެ މެމްބަރެއް ކަމުގައިވާ ބިލް ޕާސްކްރެލް ވިދާޅުވެފައިވަނީ ވައިޓްހައުސް ކެޕްޕޭނަށް ބޭނުން ކޮށްފައިވުން އެމެރިކާގެ ފެޑެރަލް ލޯއާއި ފުށުއަރާތޯ ބެލުމަށްޓަކާ، މި ތުހުމަތުތައް ތަހުގީގު ކުރުމަށް އެމެރިކާގެ އޮފީސް އޮފް ސްޕެޝަލް ކައުންސިލް އޭޖެންސީން މިހާރުވަނީ ޚާއްސަ ތަހުގީގެއް ކުރަން ފަށާފައެވެ.
މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ޕާސްކްރެލް ވިދާޅުވެފައިވަނީ މިމައްސަލަ ތަހުގީގު ކުރުމަށް އޭނާ ގޮވާލެއްވި ގޮވާލެއްވުމަށް ފެޑެރަލް ވޮޗް ޑޯގުން ބުރާސްފަތި ދުވަހު އިޖާބަ ދީފައިވާ ކަމަށާއި، އަދި ޓްރަމްޕް ކެމްޕޭނުގެ މިއަމަލުތައް، ސިޔާސީ މަސައްކަތްތުގައި ސަރުކާރުގެ އެހެނިހެން މުވައްޒަފުންނާއި ތަކެތި ބޭނުން ކުރުން މަނާ ކުރާ މިގާނޫނާއި، ޚިލާފް ވެފައިވޭތޯ ބެލުމަށް ޚާއްސަ ޔުނިޓެއް އެކުލަވާލައިގެން މިހާރު ޚާއްސަ ތަހުގީގެއް މަސައްކަތް ފެށިގެން ކުރިޔަށް ދާކަމަށް، އޭނާއަށް މައުލޫމާތު ދެއްވާފައިވާކަމަށް ޕާސްކްރެލް ވިދާޅުވެފައި ވެއެވެ.
ޓްރަމްޕް އިންތިޚާބުގެ ނަތީޖާ ބައްލަވަމުން ގެންދެވީ ވައިޓް ހައުސްގައި ޓްރަމްޕްގެ އާއިލާ ދިރިއުޅޭ އޭރިއާގައި ހުންނަ ސިޓިންގ ރޫމުގައި އިންނަވައިގެންނެވެ. އަދި އެއަށްފަހު ހަމަ އެދުވަހު ޓްރަމްޕްވަނީ ވައީޓް ހައުސްގެ 'އީސްޓް ރޫމް’އަށް ޖަމާވެ ތިއްބެވި އޭނާއަށް ތާއީދުކުރާ 200 ވަރަކަށް ސަޕޯޓަރުންނާއި ބައްދަލުކޮށް ވާހަ ދައްކަވާފައެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގައި ނިއުޖާޒީ ތަމްސީލު ކުރައްވާ ޕާސްކްރެލް އިތުރަށް ވިދާޅުވި ގޮތުގައި، އިންތިޚާބާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ޓްރަމްޕަށް ކެމްޕޭން އޮފިޝަލުންގެ ފަރާތުން އެރުވުމަށް ހަމަޖެހިފައި ވަނީވެސް، ވައިޓް ހައުސްގެ އާއިލާ ދިރިއުޅޭ ސަރަހައްދުގަ އާއި އަދި އޯވަލް އޮފީހުގައެވެ. އޯވަލް އޮފީހަކީ އެމެރިކާގެ ރައީސްގެ ރަސްމީ އޮފީހެވެ. އޭނާ ވިދާޅުވިގޮތުގައި ވޯޓް ލާދުވަހުގެ ބޭނުމަށް މިގޮތަށް ވައިޓް ހައުސް ބޭނުން ކުރުމަކީ، އެގްޒެކެޓިވް ބްރާންޗްގަ ތިއްބަވާ ސިޔާސީ ބޭފުޅުން ފެޑެރަލް ލޯއާއި ޚިލާފުވުމަށް އިންތިހާއަށް މަގުފަހި ކޮށްދޭނޭ ކަމެކެވެ.
1939ގެ ހެޗް އެކްޓްއަކީ އެމެރިކާގެ ރައީސް އާއި ނާއިބު ރައީސް ފިޔަވާ ސަރުކާރުގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުން ސިޔާސީ މައްސައްކަތުގައި އުޅުން މަނާކުރާ ގާނޫނެކެވެ. އަދި އެ މުވައްޒަފުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފާސްކުރެވިފައިވާ ގާނޫނެކެވެ.
އެހެންމަވެސް ރިޔާސީ އިންތިޚާބުގެ އެއްވެސް މަސައްކަތެއްގައި ވައިޓްހައުސްގެ މުވައްޒަފުން ބޭނުންކޮށްފައި ނުވާނެކަމަށް ވައިޓްހައުސްގެ ތަރުޖަމާނު ޖޫޑް ޑީރް ވަނީ ބުނެފައެވެ.
ޕާސްކްރެލް ވިދާޅުވެފައިވާ ގޮތުގައި، ސްޕެޝަލް ކައުންސިލް އޭޖެންސީން އޭނާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ވައިޓްހައުސްގެ ގޯތި ތެރޭގައި ހުންނަ އެއިޝެން ހޯވަރ އެގްޒެކެޓިވް އޮފީސް އިމާރާތުން ބައެއް ޓްރަމްޕްގެ ކެމްޕޭންގެ 'ވާރ ރޫމް' (ކެމްޕޭންގެ ހަގުރާމައިގެ ކޮޓަރި)ގެ ގޮތުގައި ބޭނުންކުރުމަށް ސްޕެޝަން ކައުންސިލްގެ ހުއްދަ ކެމްޕޭން ޓީމުން ހޯދާފައެއް ނުވެއެވެ.
ފާއިތުވެދިޔަ އޮކްޓޯބަރު މަހު މި އޭޖެންސީން ވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ޖެރޫސެލަމްގައި ހުންނަވައިގެން އޮގްސްޓު މަހު ރިޕަބްލިކަން ނޭޝަނަލް ކޮންވެޝަންގައި ވާހަކަ ދެއްކެވި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު ޓްރަމްޕްގެ ސީނިއަރ އެޑްވައިޒަރެއް ކަމުގައިވާ ކެލީން ކޮންވޭ 'ހެޗް އެކްޓް’އާއި ތަކުރާރުކޮށް ޚިލާފު ވުމާއިގުޅިގެން މަގާމުން ދުރުކުރުމަށް ޓްރަމްޕަށް ލަފާދީފައިވެސް ވެއެވެ.
އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން މިހާތަނަށް އިއުލާންކުރެވުނު ނަތިޖާތަކުން ވަނީ ޔަގީން ކުރެވިފައެވެ. އަދި ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އިންތިޚާބުގައި މަކަރުހަދާ އޮޅުވާލާފައިވާ ކަމަށެވެ.
އިންތިޚާބު ކާމިޔާބު ކުރާނެކަން މިހާރު ޔަގީންވެފައި ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓު، ކުރީގެ ނާއިބްރައީސް ޖޯ ބައިޑް ވަރަށް އަވަހަށް އިންތިޚާބުގެ ކާމިޔާބީ އިއުލާން ކުރާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.