ދޫނިތައް މަރާލި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ޖެހޭނެ: ނިޝާން

ދޫނިތައް މަރާލި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ޖެހޭނެ: ނިޝާން

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2022 08:32
0

ދޫނިތައް މަރާލި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ޖެހޭނެ ކަމުގައި ޤާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅު ވެއްޖެއެވެ.

ޤަވާއިދާއި ޚިލާފަށް އެތެރެކުރި 120 ދޫނި ފިޝަރީޒް މިނިސްޓްރީން ނައްތާލީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައެވެ. އެތަނުގައި އެ ދޫނިތައް ހުންނަތާ 3 ވަރަކަށް މަސް ވަނީ ވެފައެވެ. ދޫނިތައް މަރާލުމުގެ މައްސަލައިގެ ކަންހިނގާފައިވާ ގޮތުގެ ތަފްސީލް ރިޕޯޓެއް ހަދާ ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފިޝަރީޒް މިނިސްޓްރީއަށް ވަނީ އަންގަވާފައެވެ.

މިކަމާއި ގުޅޭގޮތުން ޤާނޫނީ ވަކީލް ނިޝާން ވިދާޅުވީ ޖަނަވާރަށް އަނިޔާވެރި އަމަލުކުރުމަކީ ޤާނޫނުލް އުޤޫބާތުގެ ދަށުން ޖުނަހުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމުގައެވެ. މިކަން ދިވެހި ފުލުހުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގް ކުރަންޖެހޭކަމަށް ނިޝާން ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ނައްތާލި ދޫނިތަކަކީ މީގެ ދެ ތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެއް ކަމަށެވެ. އަދި އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިންކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ނަމަވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެފައި ވަނީ ދޫނިތައް މަރާ ނުލައި، އެތަކެތި ގެނައި ގައުމަކަށް އަނބުރާ ފޮނުވާލުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އަދި އެކަމަށް ހިނގާ ހަރަދުގެ ޒިންމާވާންޖެހޭނީ އެ ގެނައި ފަރާތަކުންކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެފައިވެެއެވެ.

އީޕީއޭއިންވެސް ވަނީ ދޫނިތައް މަރާލުން ކުށްވެރިކޮށްފައެވެ. އަދި ގަވާއިދާއި ހިލާފަށް އެގޮތަށް އެތެރެކުރާ ދިރޭތަކެތި އަނބުރާ ފޮނުވާނުލެވޭނަމަ ޖެހޭނީ އެ އެއްޗެހި ރާއްޖޭގައި ބަލަހައްޓަންކަމަށް އީޕީއޭއިންވެސް ވިދާޅުވެއެވެ. އަދި ދިރޭތަކެތި މެރުމަށް ހުއްދަކޮށްފައިވާ ޤަވާއިދުތައް ބަދަލުކުރަންޖެހޭކަންވެސް އީޕީއޭއިން ފާހަގަކުރެއެވެ.

ދޫނިތައް ނައްތާލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެ ދޫނިތައް ނައްތާލުމުގެ ބަދަލުގައި އެތަކެތި އަނބުރާ ފޮނުވާލެވޭނެގޮތަށް ނުވަތަ އެނޫންވެސް ރަނގަޅު ގޮތްތަކެއް ޤާނޫނުން ހޯދަން ޖެހޭކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އާޓިފިޝަލް ބީޗުގައި އިއްޔެ ހަވީރު ވަނީ ދޫނިތައް މަރާލުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އެއްވުމެއްވެސް ބާއްވާފައެވެ. މި އެއްވުމުގައި ދޫނި ގެންގުޅޭ ބައެއް މީހުން ބައިވެރިވެ، ދޫނިތައް މަރާލުމާއި ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.