"އައުޓް ކުރަން ގޮވާ އެއްޗެއް ސާފެއް ނޫން"! އިންޑިއާ އައުޓު ކެމްޕޭނަކީ ބައެއް އިސް ފަރާތްތަކަށް ޖޯކެއް؟

"އައުޓް ކުރަން ގޮވާ އެއްޗެއް ސާފެއް ނޫން"! އިންޑިއާ އައުޓު ކެމްޕޭނަކީ ބައެއް އިސް ފަރާތްތަކަށް ޖޯކެއް؟

Author
ހުސެއިން
10 ފެބްރުއަރީ 2022 09:35
0

އިންޑިއާ އައުޓު ކެމްޕޭނަކީ އިދިކޮޅު ޕީޕީއެމްއިން މިހާތަނަށް ކުރިޔަށް ގެންގޮސްފައިވާ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ. އަދި މި ކެމްޕޭން ފާހަގަވެގެން ގޮސްފައިވަނީ މިހާތަނަށް އިދިކޮޅު ޕީޕީއެމްއިން މެދު ކެނޑުމެއް ނެތި ކުރިޔަށް ގެންދާ އެންމެ ދިގުލައިގެން ގޮސްފައިވާ ސިޔާސީ ހަރަކާތައް ވެސް މެއެވެ. ހަމަ އެއާއެކު، އިދިކޮޅު ޕީޕީއެމްގެ ރައީސް، ރައީސް ޔާމިން ޖަލުން މިނިވަން ވުމާއެކު، މިހަރަތާތް އިތުރު ގިޔަރަކަށް ކުރިޔަށް ޖައްސާ، ރާއްޖޭގެ އެހެން ރަށްތަކަށްވެސް އެޕާޓީންވަނީ މި ހަރަކާތް ފުޅާ ކޮށްފައިވަކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

އިންޑިއާ އައުޓު ހަރަކާތް ފެށިގެން އައިސްފައިވަނީ، އިންޑިއާ ސަރުކާރާއެކީ މިސަރުކާރުން އެކުލަވާލި ދިފާއީ އެއްބަސްވުމަކާ ހަމައިންނެވެ. މި ދިފާޢީ އެއްބަސްވުމުގެ ޒަރީއާއިން ރާއްޖޭގައި ވަކި މުއްދަތަކަށް ދާއިމީ ގޮތެއްގައި ސިފައިން ބޭތިއްބުމުގެ ފުރުސަތު ފަހިވެގެން ދިއުމުން، ރާއްޖޭގައި ސިފައިން ތިބުމާއި ދެކޮޅަށް ކުރަން ފެށި އިހުތިޖު "އިންޑިއާ އައުޓު" މުޒާހިރާތަކަށް ބަދަލުވެ، މި މުޒާހިރާތައް އިންޑިއާ އައުޓް ހަރަކާތަކަށް ބަދަލުވެގެން ދިޔައީއެވެ.

އެހެންނަމަވެސް، ފަހަގަކަށް އައިސް މިގޮތުން ބޭއްވެމުންދާ އިންޑިއާއުޓް ހަރަކާތުގައި ބައިވެރިވާ އާންމު ރައްޔިތުންގެ އަދަދު ގިނަވެ، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ދިރިއުޅެމުންދާ އިންޑިއާ ޓީޗަރުންގެ މެދުގައިވެސް މިގޮތުން ކުރިޔަށްދާ އެއްވުންތަކާއި އަދި ފާޅު ކުރެވެމުންދާ ޝުޢޫރުތަކުން ކަންބޮޑުވުމާއި ބިރުވިކަން އުފެދިގެން ގޮސްފައިވާކަމަށަ އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.

ކޮންމެއަކަސް އިންޑިއާ އައުޓު ހަރަކާތް ހުއްޓުވުމުގެ ގޮތުން އެންމެ ފަހުން ފެށިގެން ދިޔަ މަސައްކަތަކީ، މި ހަރަކާތް ހުއްޓުވުމުގެ ގޮތުން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތެވެ. މިގޮތުން ދިވެހި ދައުލަތުން އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދައި، ބޮޑެތި އަދަބުތައް ލިބިދޭ ގޮތަށް މިހާރު ދަނީ މި ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންނެވެ. މި ޑްރާފްޓުގައި ބުނެފައި ވަނީ ބިލުގެ މަޤުޞަދަކީ ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ.

ރައީސް ޔާމިން އިންޑިއާ އައުޓު ޓީޝާޓުގައި ކ. ގުރައިދޫގައި

އަދި ހަމަ އެއާއެކު، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެދުމުގެ މަތިން، މަޖިލިހުގެ 241 ކޮމިޓީން މިހާރުދަނީ އިންޑިއާ އައުޓު މައްސަލަ ބަލަމުންނެވެ. މިކޮމިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކޮމިޓީއަށް ހޯމިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ހާޒިރުކޮށް، މިހާރު ގެންދަނީ ސުވާލު ކުރަމުންނެވެ. މިގޮތުން ބޭއްވި ސެޝަންގައި، ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޕޮލިސް ކޮމިޝަނަރ އެމްސީ ހަމީދު ވިދާޅުވެފައި ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ޑްރަގާއި ގުޅުންއޮތް، ޤައުމީ ސަލާމަތަށް ނުރައްކާ ބޮޑު ކެމްޕެއިނެއް ކަމުގައެވެ. އަދި ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ ވިދާޅުވެފައިވަނީ އައުޓު ކުރަން ގޮވާ އެއްޗެއް ނޭގޭ ކަމަށާއި، މިކަމުން ސަލާމަތަށް ވަނީ ނުރައްކާ ކަމުގައެވެ.

 

"އައުޓުކުރަން ގޮވާ އެއްޗެއް ނޭގޭ"!

އިދިކޮޅު ޕީޕިއެމްއިން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ކެމްޕޭނުގެ މައްސަލަ މިހާރު ދިރާސާ ކުރަމުންދާ ކޮމިޓީއަށް ހޯމްމިނިސްޓަރާއި ޕޮލިސް ކިމިޝަނަރ ހާޒިރުކޮސް ކޮމިޓީން ކުރިޔަށް ގެންދިޔަ ސެޝަންގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ ވިދާޅުވެފައިވަނީ، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް"ކެމްޕޭނުގެ ސަބަބުން ޤައުމުގެ ދާޚިލީ ސަލާމަތަށް ނުރަނގަޅު އަސަރު ފޯރުން ބޮޑުކަމަށެވެ.

އަދި އިމްރާން ވިދާޅުވެފައި ވަނީ އިންޑިއާ އައުޓް ހަރަކާތަކީ އިދިކޮޅުން ކުރަން ބޭނުންވި ކަންކަން ސަރުކާރުގެ ތެރެއިން ނުކުރެވިގެން އަވަށްޓެރި ގައުމުތަކާ ޖެހިގަނެ ސަރުކާރަށް ދަތިކުރަން ކުރިއަށް ގެންދާ ހަަރަކާތެއް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި މި ހަރަކާތަށް ނުސީދާކޮށް ޖޯކު ޖައްސަވަމުން ޝޭޚް އިމްރާން ވިދާޅުވެފައި ވަނީ އެ ހަރަކާތުގައި "އައުޓް ކުރަން ގޮވާ އެއްޗެއް ސާފު ނުވާ" ހަރަކާތެއް ކަމުގައެވެ.

އަދި އޭގެ އިތުރުން މި ކޮމިޓީ ބައްދަލު ވުމުގައި ޝޭޚް އިމްރާން ވިދާޅުވެފައިވަނީ، އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަން ޖެހޭ ސަބަބެއްވެސް ނެތް ކަމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އަދި އިދިކޮޅު ޕާޓީ ތަކުން ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރި ނަމަ އެކަމާ ދެކޮޅަށް އަޑުއުފުލާ ހިޔާލުފާޅުކުރުމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމުގައި އޭނާ ވިދާޅުވެފައި ވެއެވެ.

241 ކޮމިޓީއަށް ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް މައުލުމާތު ދެއްވަނީ

އެހެންކަމުން، މިހަރަކާތާއި ގުޅޭގޮތުން، ޚާސްކޮށް ކޮމިޓީގައި ދައްކަވާފައި ވާހަކަތަކުން، ހޯމް މިނިސްޓަރު ޝޭޚު އިމްރާން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު، މި ހަރަކާތަށް ޖޯކު ޖައްސަވާ ދެއްކެވި ވާހަކަފުޅުތަކުން، މި ހަރަކާތަކީ ސަރުކާރުން ސީރިއަސްކަމާއި އެކު ބަލައިގަންނަ ހަރަކާތެއް ނޫންކަން ވަރަށްވެސް ރަގަޅަށް ވަޒަން ކުރެވިގެން ގޮސްފައި ވެއެވެ. އަދި އިމްރާން ޖޯކު ޖައްސަވާފައިވަނީ، އާންމު އިޖުތިމާޢީ މިންގަޑުން ވަޒަން ކުރާއިރު އާންމު ފޯރަމެއްގައި، ޖެއްސެވި ޖޯކުގެ މާނަ ވަރަށްވެސް ރަގަޅަށް ވަޒަން ކުރެވޭ، އަދި އަޑުއަހަން އެހާމެ ފަސޭހަ ބަސްމަގަކުން ނޫކަން ވެސް ބައެއް ފަރާތްތަކުންވަނީ ފާހަގަ ކުރައްވާފައެވެ.

އެ ހަރަކާތުގައި "އައުޓް ކުރަން ގޮވާ އެއްޗެއް ސާފު ނުވޭ"

އަދި އަމުދުން، ފަހަކަށް އައިސް، ސަރުކާރުގެ ފަރާތްތަކުން އިންޑިއާ އައުޓު ހަރަކާތަކީ ޑްރަގާއި ގުޅުން އޮންނަ ހަރަކާތެއްގެ ގޮތުގައި ލޭބަލް ކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ފާހަގަވެގެން ދިޔަ އެންމެ މުހިންމު ކަމަކީ، ހަމަ މިތުހުމަތު މި މި ބީދައިން ކުރައްވާ ޕޮލިސް ކޮމިޝަނަރު ކޮމިޓީގައި މިވާހަކަ ދައްކަވާފައި ވާކެމެވެ.

އެހެންނަމަވެސް، މިގޮތުން ކުރެވޭ ތުހުމަތު އާންމު ރައްޔިތުންގެނަށް ގަބޫލު ކުރެވޭ މިންވަރުގައި ކުރެވުން މުހިންމު ކަމުގައި ފާހަގަ ކޮށްލަން ޖެހެއެވެ. ސަބަބަކީ، މި ހަރަކަތަކީ ޑްރަގާއި ގުޅުން އޮތް ކެޕްމޭނެއްގެ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން ސިފަ ކުރަމުންދިޔަ ނަމަވެސް، މިތުހުމަތުތަކުން އާންމު ރައްޔިތުނަށް ގަބޫލު ކުރެވޭވަރުގެ ކުޑަ ނަމަވެސް ހެއްކެ އޭގެ ފާހަގަ ވެގެން ނުދަނީ،ސް މި ލޭބަލް ވައިގައި ހިފުން އެހާފަސޭހަ ކަމަކަށް ވެގެން ނުދާނެތީއެވެ.

 

އިންޑިއާ އައުޓު ގާނޫނަކުން ހުއްޓުވޭނެތަ؟

އިންޑިއާ އައުޓު ގާނޫނަކަނު ހުއްޓުވުމުގެ މަސައްކަތް މިހާރުދަނީ ރައްޔިތުންގެ މަޖިލިހުގައި ކުރިއަށެވެ. މިކަމަށްޓަކާ ބޭނުންވާ ބިލް މަޖިލިހަށް ހުށަހަޅާއިގެން ކުރިޔަށް ގެންދިއުމުގެ މަސައްކަތް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި މިހާރުދަނީ ކުރިޔަށެވެ.

އެހްނަމަވެސް ޗެނަލް13 ގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޔާމިން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތުމުން ބޭނުން ޤާނޫނެއް ހެދިދާނެ ކަމަށާއި، ނަމަވެސް ޤާނޫނެއް ހަދައިގެންވެސް އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.

އަދި މި ޗެނަލްގައި އިތުރަށް ވާހަކަ ދައްކަވަމުން، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ޤާނޫނަށް ހެދުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅުން އޮތް ޤައުމީ ހަރަކާތެއްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފުލް ކޮންޓްރޯލް އޮތުމުން ޤާނޫނު ހެދިދާނެކަމަށާއި، ނަމަވެސް ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކައްރިއްޔާ ތިބުމަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެކަމެއް ނޫންކަމުގައެވެ.

ގާނޫނެއް ފާސް ކުރިޔަސް އެއީ ގާނޫނު އަސާސީއައި ޚިލާފް ގާނޫނަކަށް ވާނީ.. ދެން ސުޕްރިމް ކޯޓުގަވެސް ނޫނިއްޔާ ދުސްތޫރީ އެހެން ކޯޓެއްގަވެސް ކިހާވަރެއްގެ ހިތްވަރެއްތޯ ހުންނާނީ، އަޅުގަޑުމެން މިމައްސަލައަށް ޗެލެންޖު ކުރީމަ، ގާނޫނު އަސާސީގަ އެބުނާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދޭ.. ހަމަ ޓެސްޓު ކޮށްލަން ޖެހޭ ކަމެއް.. އެކަމަކު މިއީކީ ހުއްޓުވޭނެ ކަމެއް ނޫން.

ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.

އިންޑިއާ އައުޓު ހަރަކާތް ހުއްޓުވުމަށް ފުލުހުން ސަފު ހަދާލައިގެން

ކޮންމެއަކަސް ފާއިތުވެދިޔަ ތަނުން ފެންނާން އޮތް ހަގީގަތަކީ، މަގުމަތީގައި ހިގަމުންދާ މިފަދަ ކޮންމެ ހަރަކާތަކީވެސް އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކަށް އުދަގޫ މަސައްކަތަކަށް ވެގެން ގޮސްފައިވާ ތަނެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ވުޖޫދުވީ އަބުރުގެ ބިލެވެ. އެބިލް ފާސްވެސްކޮށް ތަންފިޒުވެސް ކޮށްފައި ވެއެވެ. އެހެންނަމަވެސް އެބިލުންވެސް އޭރު ކުރިޔަށްދިޔަ އިދިކޮޅު ހަރަކާތްތައް އެބީދައިން ހުއްޓުވިފައެއް ނުވެއެވެ.

އެންމެ ފަހުން ވެރިކަން ބަދަލުވުމާއެކު މިގާނޫނު ވަނީ އުވާލާފައެވެ. އެހެންކަމުން ގަބޫލުކުރެވޭ ގޮތުގައި އިންޑިއާ އައުޓު ގާނޫނު ރައްޔިތުންގެ މަޖިލިސް ފާސްކުރިޔަސްވެސް މިހަރަކާތް ކުރިޔަށް ދިއުން ގާތްކަމެވެ. އެހެންނަމެވެސް، މި ގާނޫނާއިގެން ކޯޓު މަރުހަލާއަށް ގޮސް، ހިގަމުންދާ މައްސަލައަށް ޝަރުޢީ ކޯޓުން ފަރުވާއެއް ލިބެގެން ދިއުމަކީ ވުން އެންމެ އެކަށީގެންވާ ގޮތްކަމުގައި ގިނަބަޔަކު ދަނީ ދެކެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.