އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ބަރންލީ ބައްދަލުކުރިމެޗް އެއްވަރުވެ ގަދަ ހަތަރަކުން ޔުނައިޓެޑް ބޭރުވެއްޖެއެވެ.
މިވަގުތު ޕްރިމިއަލީގުގެ ފުލުގައި އޮތް ބަރންލީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.
އެންމެފަހުން އެފް އޭ ކަޕްގައި މިޑިލްސްބްރަރ އަތުން ބަލިވި މެޗާ އެއްގޮތަށް މިމެޗްގައިވެސް މެޗްގެ ބޮޑުބައި ކޮންޓްރޯލް ކޮށް ގިނަ ހަމަލާތައް އުފެއްދި ނަމަވެސް އެކަންކަމުގެ ފައިދާ ޔުނައިޓެޑަށް ނެގޭގޮތެއް ނުވިއެވެ. މިމެޗްގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހައިދިނީ ޕޯލް ޕޮގްބާއެވެ.
މިއީ މިސީޒަންގައި ޕޯލް ޕޮގްބާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މީގެއިތުރުން ޔުނައިޓެޑުން މިމެޗްގައި ޖެހި ދެ ލަނޑެއް ވަނީ ވީއޭއާރުން ބެލުމަށްފަހު ލަނޑެއް ނޫންކަމަށް ރެފްރީ ނިންމާފައެވެ. އަދި ބަރންލީގެ ކީޕަރ ނިކް ޕޯޕް ވަނީ ޔުނައިޓެޑްގެ މާކަސް ރަޝްފަޑް، އެޑިންސަން ކަވާނީ އަދި ރަފައެލް ވެރާން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ. މިމެޗްގައި ބަރންލީއިން ޖެހި ލަނޑު ޖަހާ މެޗްގެ ނަތީޖާ އެއްވަރު ކުރީ މެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ދެވަނަ މިނެޓްގައި ޖޭ ރޮޑްރިގޭޒް ޖަހައިދިން ލަނޑުންނެވެ.
މިއީ އޭނާގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. ނަމަވެސް މިއީ އޭނާ އެންމެފަހުން ކުޅުނު 50 މެޗްގައި ޖެހުނު ފުރަތަމަ ލަނޑުވެސް މެއެވެ. މިމެޗް އެއްވަރު ވުމުން ޔުނައިޓެޑް މިވަނީ ކުޅުނު 23 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ވެއްޓިފައެވެ. އަދި އެންމެ ފުލުގައި އުޅޭ ބަރންލީއަށް 20 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ