ދޫނިތައް ނައްތާލި މައްސަލާގައި ރިޕޯޓެއް ހަދައި ހުށައަޅަން ރައީސް އަންގަވައިފި

ދޫނިތައް ނައްތާލި މައްސަލާގައި ރިޕޯޓެއް ހަދައި ހުށައަޅަން ރައީސް އަންގަވައިފި

Author
މުޙައްމަދު ޖިމީ
09 ފެބްރުއަރީ 2022 01:35
0

ޤަވާއިދާއި ޚިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލާގައި ކަން ހިނގާފއިވާ ގޮތުގެ ތަފްސީލް ރިޕޯޓެއް ހަދާ ހުށައެޅުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފިޝަރީޒް މިނިސްޓްރިއަށް އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އެންގެވީ، ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް މަރާލުމާގުޅިގެން އެކަމުގެ ކަންބޮޑުވުން ގިނަބަޔަކު ސޯޝަލް މީޑިއާގައި ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މިގޮތުން 120 ދޫނި ނައްތާލާފައިވެއެވެ. އެ ދޫނިތައް ނައްތާލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައެވެ. މިއީ އެތަނުގައި 3-4 މަސް ވަންދެން ހުރި ދޫނިތަކެކެވެ.

މިކަމާއި ގުޅިގެން ކަންހިނގި ގޮތުގެ ތަފްސީލީ ރިޕޯޓެއް ހަދާ ރައީސް އޮފީހަށް ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާއިރު، ދޫނިތައް މަރާލުމުގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފެއްގެ އިހްމާލެއް އޮތް ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ފިޝަރީޒް މިނިސްޓްރީން ވަނީ މިއަދު ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ، ނައްތާލި ދޫނިތަކަކީ މީގެ ދެ ތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެއް ކަމަށެވެ. އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

ދޫނިތައް ނައްތާލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެ ދޫނިތައް ނައްތާލުމުގެ ބަދަލުގައި އެތަކެތި އަނބުރާ ފޮނުވާލެވޭނެގޮތަށް ނުވަތަ އެނޫންވެސް ރަނގަޅު ގޮތްތަކެއް ޤާނޫނުން ހޯދަން ޖެހޭކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.