ގަވާއިދާ ޚިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީއަށް ޤާނޫނުން ލިބިފައި ވީނަމަވެސް އެގޮތަށް މަލުކޮށްފައި ނުވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގަވާއިދާ ޚިލާފަށް އެތެރެކުރާ ދޫނިތައް އެ ދޫނި ގެނައި ގައުމަކަށް އަނބުރާ ފޮނުވާލުމުގެ ފުރުސަތު ގަވާއިދުގެ ދަށުން އޮންނަ ކަމަށެވެ. އަދި އެ ހާލަތުގައި ދޫނިތައް އަނބުރާ ފޮނުވާލުމުގެ ޚަރަދަށް ޒިންމާވާން ޖެހެނީ ދޫނިތައް ރާއްޖެ ގެނައި ފަރާތަކުން ކަމަށާއި އެކަމަކު މިއަދު ނައްތާލި ދޫނިތަކާ މެދު ފިޝަރީޒް މިނިސްޓްރީން އެގޮތަށް އަަމަލު ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލާގައި ހިމެނޭ ކޮރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލުނުކޮށް ދިގުމުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވަންވާނެ ކަމަށް ފެންނަ ވާހަކަވެސް މިނިސްޓްރީއަށް ދިން ލަފާގައި ބަޔާންކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ދޫނިތައް ގެނައި ގައުމަށް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލުމަށް ދާ ޚަދަރުގެ ޒިންމާ އުފުލަންޖެހޭނީ ދޫނި އެތެރެ ކުރި ފަރާތުންކަން ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ.
މީގެ އިތުރުން އޭރު ގަވާއިދުގައިވާ ގޮތަށް ދޫނިތަކާ މެދު އަމަލު ނުކޮށް ފިޝަރީޒް މިނިސްޓްރީން ލަސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފެންނަ ކަމަށް އެ ލަފާގައި ބުނެފައިވާނެ ކަމަށް ވެސް މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ