މީހަކު ގަވާއިދާ ހިލާފުވީމައި ދޫނީގެ ކަރުބުރިކުރާކަށް ނުޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އެތެރެކުރި 120 ދޫނި އެޓާނީ ޖެނެރަލްގެ ލަފާގެމަތިން މަރާލައިފައިވާނެކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އެމިނިސްޓްރީން ބުނެފައިވަނީ މިއީ އަލަށް ކުރި ކަމެއް ނޫންކަމަށާއި، ގަވާއިދާއި ޚިލާފަށް އެތެރެކުރާ ދޫނިތަކާއިމެދު އަބަދުވެސް އަމަލު ކުރަނީ މިހެންކަމަށެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުންދާއިރު، މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، މީހަކު ގަވާއިދާއި ޚިލާފުވުމުން އެކަމުގެ އަދަބު ދޫނިތަކަށް ދީގެން ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ ގަވާއިދާއި އެއްގޮތަށް ރާއްޖެ އެތެރެކުރެވޭ ދޫނިތައްވެސް މަރައި، މިކަމުން މަންފާ ނަގާބަޔަކު އުޅޭކަމަށާއި، މިގޮތަށް މިކަން ވިޔަ ނުދެއްވާނެކަމަށެވެ. އަދި މިކަން ހުއްޓުވާނެކަމަށް މެމްބަރު އިބްރާހިމް ރަޝީދު ވަނީ ވިދާޅުވެފައެވެ.
މީހަކު ގަވާއިދާ ހިލާފުވީމައި ދޫނީގެ ކަރުބުރިކުރާކަށް ނުޖެހޭ. ކަރަންޓީނުކޮށް ގަވާއިދު ހަދަންތިބޭ ބައެއް މީހުން ދޫނީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި ބައެއް ފަރާތަތަކުން އެތެރެކުރާ ހުއްދަ ދޫނިތައްވެސް މަރާ ކަމުގެ ޝަކުވާތައް ވަނީ ލިބިފައި. މިކަން ހުއްޓުވާނަން.
– ބޮންޑޭ ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ނައްތާލި ދޫނިތަކަކީ މީގެ ދެ ތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެއް ކަމަށެވެ. އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖެ އެތެރެކުރުން މަނާ ވިޔަސް އެގޮތަށް ދޫނި މަރައިގެން ނުވާނެ ކަމަށް ބުނެ އާންމުން ދަނީ ފާޑު ކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ