އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން މިނިވަންކުރި ފަނޑިޔާރުން ވަކިކުރާނެކަމަށް އެމްޑީޕީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވި މައްސަލަ ކޯޓަށް ހުށައެޅުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.
އާޒިމްގެ ވާހަކަތައް ކުށްވެރިކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވެއިރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ޖުޑީޝަރީއަށް ފާޑު ކިޔާ، ނުފޫޒު ފޯރުވާ، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ މިއަދު މަޖިލީހުގައި ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
ޢަލީ ޢާޒިމް މަޖިލީހުގެ ތަޅުމުގައި މިއަދު ދެއްކި ވާހަކައިގައި އެމްޑީޕީ އާއި ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުކުރާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމަށާއި، އަދި އެމީހުން ބޭނުންވާ ގޮތަށް ޙުކުމް ނުކުރާ ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވަނީ ވާހަކަ ދައްކާފައިކަމަށް ބަޔާނުގައިވެއެވެ. މިއީ ބާރުތައް ވަކިކުރެވިފައިވާ ދައުލަތެއްގެ އެއްބާރުން އަނެއް ބާރުގެ ތެރެއަށް އަތްބާނާ، ޖުޑީޝަރީ ހިސޯރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި ދިވެހި ރައްޔިތުން ޤަބޫލުކުރާކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އިދިކޮޅުގެ ބަޔާނުގައި ވަނީ އެންމެ ފަހުން ބެއްވިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދައުލަތުގެ ހުރިއްޔާ ހުރި ވަސީލަތަކާއި، ފައިސާއަކާއި، ކުންފުނިތަކާއި، ކުންފުނިތަކުގެ މުވައްޒަފުން ނާޖާއިޒު ގޮތުގައި ބޭނުންކޮށް އިންތިހާއަށް ނުފޫޒު ފޯރުވައިގެންވެސް، އެދާއިރާގެ ރައްޔިތުންގެ ތާއީދު ސަރުކާރަށާއި އެމްޑީޕީ އަށް ނެތްކަން ހާމަވުމުން އެކަން ހަޖަމު ނުވުމަކީ ދިވެހި ރައްޔިތުންގެ ކުށެއް ނޫންކަމަށެވެ. އަދި އެއީ ޖުޑީޝަރީ ނުވަތަ މުސްތަޤިއްލު މުއައްސަސާތަކުގެ ކުށެއް ވެސް ނޫންކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.
އެހެންކަމުން ރައްޔިތުންގެ ނިންމުން ހަޖަމުކޮށް، މުސްތަޤިއްލު މުއައްސަސާތަކަށާއި ދިވެހި ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލުމަށް އެމްޑީޕީ ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަށާއި އެމްޑީޕީގެ ލީޑަރޝިޕަށް ގޮވާލަމެވެ. އަދި ޢަލީ ޢާޒިމް ގެ މިމައްސަލަ ބައްލަވާ ފިޔަވަޅު އަޅުއްވައިދެއްވުން އެދި ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅުމުގެ މަސައްކަތް މި ކޯލިޝަނުން ކުރިއަށް ގެންދާ ވާހަކަވެސް ދެންނެވީމެވެ.
– އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން
މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޢަލީ ޢާޒިމް ވިދާޅުވީ،
ރައްޔިތުން އެދޭގޮތަށް ތާހިރު ދިރިއުޅުމެއް އެމްޑީޕީން ހޯދައިދޭން ޖެހޭކަމަށާއި، އެފަދަ ތާހިރު ތަނަކަށް ރާއްޖެ ހަދަން ތިބީ ފަނޑިޔާރުން ކަމަށާއި އެހެން ނަމަވެސް ފަނޑިޔާރުންގެ އަމަލުތަކާމެދު ސުވާލު އުފެދޭކަމަށެވެ.
އާޒިމް ވަނީ ރައީސް ޔާމީން މިނިވަން ކުރަން ސުޕްރީމް ކޯޓުން ނިންމެވި ނިންމުމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އާޒިމް ވިދާޅުވީ، އެންމެ މަތީ މަރުހަލާގެ ކޯޓުން ނިންމެވި އެ ނިންމެވުމަކީ ދެކޮޅު ނުޖެހޭ ނިންމުމެއްކަމަށެވެ. އޭނާ ސިފަކުރެއްވީ އެއީ "އަޖައިބެއް ކަހަލަ" ނިންމުމެއްގެ ގޮތުގައެވެ.
ޢާޒިމް ވަނީ، ދައުލަތުގެ 100 މިލިއަނަށް ވުރެ ގިނަ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ވަންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް އިއްތިފާގުވާއިރު ސުޕްރީމް ކޯޓުގެ ހުކުމަކީ އަޖައިބުވެ އަންތަރީސް ވާވަރުގެ ހުކުމެއްކަމަށް ވިދާޅުވެ، ދައުލަތުން އިންތިހާއަށް ފައިސާ ނަގާފައި ހުރި މީހަކު ހަމަދޫކޮށްލަންވީ ކަމާމެދު ސުވާލު އުފައްދަވާފައެވެ.
ޢާޒިމް ވިދާޅުވީ ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓްގައި ހުރިކަމާއި، ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ބޭރު ފުށުުން ފެންނަން ހުރި އެއްޗަކަށް ބަލައިގެންކަމަށެވެ. އެހެންކަމުން މުއައްސަސާތަކުގެ ވެރިން ބަދަލު ކޮށްގެންވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޖެހޭކަމަށް ޢާޒިމް ވިދާޅުވިއެވެ.
….. [ރައީސް ޔާމީން] ދޫކޮށްލައިގެން ދޭދޭ ގައުމުތަކާ ޖައްސަމުން ބޭނުން ރަށަކަށް އަރަށް ފުރުސަތު ދޭންވީތޯ! ނޫން ރައްޔިތުން ބުނީ އެކަންކަން އަޅުގަނޑުމެން ހުއްޓުވާށޭ! ފަނޑިޔާރުން އެކަން ނުކޮށްފިއްޔާމު އަޅުގަނޑުމެން މިތިބި ވަކިކުރަން ޖެހުނު ކޮންމެ ބަޔަކު ވަކިކުރަން ނުކުމެ ތައްޔާރަަށް! އެ ހެޔޮ އެންޓި-ކޮރަޕްޝަން ކޮމިޝަން ކަމަށް ވިޔަސް، އެހެޔޮ ސިވިލް ސާވިސް ކޮމިޝަން ކަމަށް ވިޔަސް، އެހެޔޮ އިލެކްޝަން ކޮމިޝަން، ޖުޑީޝިއަލް ސިވިލް ސާވިސް ކޮމިޝަން ކަމަށް ވިޔަސް އެ ގެންނަން ޖެހުނު ބަދަލެއް ގެނެސްގެން…
– ޢަލީ އާޒިމް
އާޒިމް މިހެން ވިދާޅުވެފައިވާއިރު އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް އެމްޑީޕީން ވަނީ ބިލެއް ޑްރާފްޓްކޮށްފައެވެ. އެ ބިލް މަޖިލީހަށް ހުށައަޅައި އަވަހަށް ޤާނޫނެއް އެކުލަވާލާ އިންޑިއާ ހަރަކާތް ހުއްޓުވުމަށް އެމްޑީޕިން ދަނީ މަސައްކަތްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ