އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ކާޑިފް ސިޓީ ބަލިކޮށް ލިވަޕޫލް މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ހަތަރު ވަނަ ބުރުގައި މިއަދު ކާޑިފް ސިޓީ އަތުން ލިވަޕޫލް މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ލިވަޕޫލް ކުޅުނު ނަމަވެސް ލަނޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ. މެޗުގައި ފެނިގެންދިޔަ ހުރިހާލަނޑެއްވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ.
އެގޮތުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް ކާމިޔާބުކޮށްދިނީ، ޖޮޓާއެވެ. އަދި ލީޑު ފުޅާކޮށްދިން ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މިނަމީނޯއެވެ. މި މެޗުގައި ލުވަޕޫލުން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ، ދެވަނަހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، ހާވޭ އެލިއޮޓްއެވެ. މި މެޗުގައި ކާޑިފް ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި އިއާން ޑެވީސްދިން ޕާހަކުން ކާމިޔާބުކޮށްދިނީ، ރުބިން ކޮލްވިލް އެވެ.
އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ލިވަޕޫލުން ނުކުންނާނީ އަމިއްލަ ދަނޑުގައި ނޮރިޗް ސިޓީއާ ދެކޮޅަށެވެ.