އެމެރިކާގެ ރައީސް ޖޯ ބައިޑްން އަދި ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދީފި

ދުނިޔޭގެ ބާރުތަކާއި އިރާނާ ދެމެދު މިޙާރު ކުރިޔަށްދާ އިރާނުގެ ނިއުކުލިއަރ ޕްރޮގްރާމާބެހޭ މަޝްވަރާތައް އެންމެ ނާޒުކު މަރުހަލައާއި ހަމައަށް ވާސިލްވެފައި ވާއިރު، އިރާނުގެ އެޓޮމިކް ހަކަތަ ޕްރޮގްރާމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް މި ފަހްތާގެ ހުކުރު ދުވަހު އެމެރިކާއިން ނިންމައިފިއެވެ.

މި މަޝްވަރާތަކުގެ އެންމެ މުހިންމު ސެޝަންތަކަށް އެމެރިކާގެ މަޝްވަރާ ޓީމުގައި ހިމެނޭ އޮފިޝަލުން މިހާރު އަލުން ވިއެނާއަށް ގޮސްފައިވާއިރު، އެމެރިކާ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އިރާނުގެ މަދަނީ ނިއުކުލިއަރ ހަކަތަ ޕްރޮގްރާމާ ގުޅޭގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމުގެ އެއްބަސްވުމުގައި މިހާރުވަނީ ސޮއި ކުރައްވާފައެވެ.

އެމެރިކާއިން މި ފިޔަވަޅުތަކަށް ލުއިދީފައި ވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2015ވަނަ އަހަރުގެ ނިއުކުލިއަރ އެއްބަސްވުމުން އެމެރިކާ 2018ވަނަ އަހަރު ބޭރުވުމާއި ގުޅިގެން މި އެއްބަސްވުމާއި ޚިލާފަށް އިރާނުން ޔޫރޭނިއަމް މުއްސަދި ކުރަމުންދާ ދިއުން ހުއްޓުމަކަށް ގެނެސް އަލުން މި އެއްބަސްވުމަށް އިރާން ރުޖޫއަވުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

އެހެންނަމަވެސް މި އެއްބަސްވުމަށް އެނބުރި ރުޖޫޢަވުމަށް އިރާން ހުށަހަޅާފައިވާ ޝަރުތަކީ، އެއްބަސްވުމަށް އެގައުމުން އަލުން އަމަލުކުރަން ފެށުމުގެ ކުރިން، އެމެރިކާއިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކަށް ލުއި ދިނުމެވެ.

ހުކުރުދުވަހު އެމެރިކާއިން ލުއި ދީފައިވަނީ، އަސްކަރީ ބޭނުމަށް ބޭނުން ނުކުރެވޭ، ނިއުލިއަރ ޕްރޮގްރާމަށް ބޭނުން ކުރެވޭ ބައިތަކުގެ މުއާމަލާތު އިރާނާއެކީ ކުރާ ޗައިނާ، ރަޝިއާ އަދި ޔޫރަޕްގެ ގައުމުތަކުގެ ކުންފުނިތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ނިންމާފައި އޮންނަ ނިންމުމަށެވެ.

އިރާނުން މީގެ ކުރިން ބުނެފައިވަނީ، ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށް އެގައުމުން ބޭނުން ނުވާކަމަށާއި، އެގައުމުގެ ބޭނުނަމަކީ، އާންމު ބޭނުންތަކަށް ނިއުކުލިއަރ ހަކަތައް އުފެއްދުން ކަމުގައެވެ. އަދި 2015ގެ އެއްބަސްވުމާއި ޚިލާފަށް ޔޫރޭނިއަމް މުއްސަދި ކުރާކުރުން، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުން އަބުރާ އިއާދަ ކުރެވިދާނެކަމަށްވެސް އިރާނުންވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *