ބެލުންތެރިން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުންދާ އެއް ފިލްްމު ކަމުގައިވާ "ގަންގޫބާއި ކަތިއަވަޅީ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ މި ފިލްމުގެ ލީޑުން ފެނިގެން ދާނީ އާލިއާ ބަޓެވެ. އަދި މުހިންމު ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެން ދާނެއެވެ. އަޖޭ މިފިލްމުގައި ކުޅެނީ އިންޑިއާގެ ކުރީގެ މަޝްހޫރު ޑޮންއެއް ކަމަށްވާ ކަރީމް ލާލާގެ ރޯލެވެ.
މީގެ އިތުރުން ޝާންތަނޫ މަހޭޝްވަރީ، ރާމްނިކް ލާލް އަދި ހުމާ ގުރޭޝީ ވެސް މުހިންމު ރޯލަކުން ފެނިގެން ދާނެއެވެ.
މި މަހުގެ 4 ވަނަ ދުވަހު ޓްރެއިލާ އާންމުކުރުމާއެކު މި ފިލްމު ބަލާލުމުގެ ޝައުގު ވަނީ އިތުރު ކޮށްދީފައެވެ.
މި ފިލްމަކީ ހުސައިން ޒައިދީ ލިޔެފައިވާ "މާފިޔާ ކުއީންސް އޮފް މުމްބާއީ" ގައި ހިމެނޭ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ފިލްމު ރިލީޒްކުރަން ތާވަލްކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.