މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމުން ވާދަކުރަންޖެހުނީ ބޮޑު ދެ ދައުލަތާއިކަމަށާއި، ދެދައުލަތުގެ ކުރިމަތީގައި، މިއިންތިޚާބުގައި ޕީޕީއެމުން ހޯދި ކާމިޔާބީއަކީ ބޮޑު ނަސްރެއް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ކޮމަންޑޫދާއިރާގެ ބައި އިލެކްޝަނާއި ގުޅޭގޮތުން ޕީޕީއެމް އޮފީހުގައި ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ، މިއިންތިޚާބުގައި ދައުލަތުގެ ބަޖެޓުން 300 މިލިޔަން ރުފިޔާ ޚަރަދުކޮށް ސަރުކާރުން ކޮށްފައިވާ ހޭދަތަކަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގެވި ވަރަށް ދަށުދަރަޖައިގެ ކަންތައްތަކެއް ކަމަށެވެ.
މި ނަތީޖާއަކުން އެމްޑީޕީ މޮޅެއް ނުވޭ އިނގޭތޯ. މި ނަތީޖާއިން އެމްޑީޕީ ވަނީ ބައްޔެއް އިނގޭތޯ. ޕީޕީއެެމް މި އައީ ކާމިޔާބާއެކު. ދެ ދައުލަތަކާއި ދެކޮޅަށް ކުރިމަތިލާ ރައީސް ޔާމީން އާއި ޕީޕީއެމް މި ހޯދީ ކާމިޔާބެކޭ އިނގޭތޯ.
– ޝުޖާއު ވިދާޅުވިއެވެ.
މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް މިރޭގެ މީޑިއާ ބްރީފިންގައި ވާހަކަ ދެއްކެވިއެވެ. އެ ދެ ބޭފުޅުން ވެސް ވިދާޅުވީ، މިދިޔަ މަހެއްހާ ދުވަހު ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރުގެ ބާރާއި ނުފޫޒު ކޮމަންޑޫ ދާއިރާ އަށް ފޯރުވަމުން ދިޔަ ކަމަށެވެ. އެ ދާއިރާ އަށް ތަރައްގީ ލިބޭ މަންޒަރު ފެނިވަޑައިގެން އުފާކުރެއްވި ނަމަވެސް އެ މަސައްކަތް ކުރަމުން ދިޔައީ ގާނޫނުތަކާއި ހިލާފަށް ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
އަޅުގަނޑުމެން ހިސާބު ޖަހައިލާއިރު، ބިލިއަނެއްހާ ރުފިޔާ ކޮމަންޑޫ ދާއިރާ އަށް އިންތިހާބާ ގުޅިގެން ހޭދަކުރި. ކޮމަންޑޫ ދާއިރާގެ އާބާދީ އަށް ބަލާއިރު ބޮލަކަށް ތިން ލައްކަ ރުފިޔާ ސަރުކާރުން ހަރަދު ކުރަމުން ދިޔައީ.
– މުއިއްޒު ވިދާޅުވިއެވެ.
މިއަދު ނިމިގެންދިޔަ އިންތިޚާބަކީ ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވި އިންތިޚާބެއް ކަމަށް ތަކުރާރުކޮށް ޕީޕީއެމްއިން ދިޔައީ ބުނަމުންނެވެ. އަދި އިންތިޚާބު ކުރިއަށް ދިޔަ ވަގުތުވެސް ފައިސާ ބަހާ މައްސަލަތަކާއި، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގަމުންދިޔަ ކަންކަމުގެ މައްސަލަ ވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.
One Response
ބަލިވުމަކީ ނަސްރެއް ކަމުގައިވަނީނަމަ، އަޅުގަޑުމެން މިތިބީ ހުރިހާ އިންތިހާބެއްގައިވެސް ޕީޕީއެމްށް ނަސްރު ހޯދަދޭން ފޫގަޅައިގެންނެވެ.