ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ކެނޑިޑޭޓް ބަލިކޮށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝީދު ކާމިޔާބު ކޮސްފައިވަނީ އެންމެ ގާތުން ވާދަކުރި އިދިކޮޅު ކެނޑިޑޭޓް މޫސާފަތުހީއަށްވުރެ 257 ވޯޓު އިތުރަށް ހޯއްދަވައިގެންކަމަށް މި އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
ކޮމަންޑު ދާއިރާގެ ބައި އިލެކްޝަންގެ ހުރިހާ ފޮށިތަކެއް މިހާރު ގުނާ ނިމި، ވޯޓު މަރުކަޒުތަކުގައި ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވާއިރު، މި ނަތީޖާއިން ދައްކާ ގޮތުގައި، އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދަށް ލިބިފައިވަނީ، ޖުމްލަ 1401 ވޯޓެވެ. މިއީ މި އިންތިޚާބުގައި ވޯޓު ލީ މީހުންގެ %49 އެވެ. ރާޝިދުއާއި އެންމެ ގާތުން ވާދަކުރި ޕީޕީއެމްގެ ކެނޑިޑޭޓް މުސާ ފަތުހީ އާދަމަށް ލިބިފައިވަނީ ޖުމްލަ 1161 ވޯޓެވެ. މިއީ މި އިންތިޚާބުގައި ވޯޓު ލީ މީހުންގެ %40 އެވެ. އެމްއެންޕީގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރިން އަބުދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 323 ވޯޓެވެ. މިއީ ވޯޓު ލި މީހުންގެ %11 އެވެ.
ތިރީގައި މިވަނީ އިންތިޚާބުގައި ވޯޓު ލާފައިވާ ގޮތުގެ ތަފްސީލެވެ.
ވޯޓުލުމުގެ ހައްގު ލިބޭ އަދަދު
- ޖުމްލަ އަދަދު: 3،309
- ކޮމަންޑޫ: 1،409
- ފޯކައިދޫ: 1،204
- މަރޮށި: 703
- ރީރިޖިސްޓްރޭޝަނަށް ފަހު: 3،316
ސައްޙަ ވޯޓުގެ އަދަދު: 2885
މުހައްމަދު ރާޝިދު: 1401
މޫސާ ފަތުހީ އާދަމް: 1161
އަބުދުލް ހަންނާނު އިދުރީސް: 323
މި އިންތިޚާބު ކުރިޔަށް ގޮސްފައިވަނީ ވަރަށް ވާދަވެރި އިންތިޚާބެއްގެ ގޮތުގައެވެ. މިގޮތުން އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންނަށް ތާޢީދު ހޯދުމަށް، އިންތިޚާބުގައި ވާދަކުރި ކެނޑިޭޓުން ނިސްބަތްވާ ޕާޓީތަކުގެ ލީޑާރޝިޕްތަކުން ދާއިރާތަކުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.