މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކަންކަން ބެލެހެއްޓުމަށް ފޯކައިދޫއަށް ދިޔަ އިލެކްޝަންގެ ޓީމާއި، ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުން ސިއްރުން ބައްދަލުކުރިކަމަށް ބުނެ ފޯކައިދޫގައި ހަމަނުޖެހުން ހިންގައިފިއެވެ.
އެ ހަމަނުޖެހުން ހިނގީ އޮފިޝަލުން ތިބި ތަނުގެ ތެރެއަށް ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަނުމުންނެވެ. އެތަނަށް ވަން މީހުން ތުހުމަތުކުރާ ގޮތުގައި އީސީގެ އޮފިޝަލުން ތިބީ ކެމްޕޭންގައި އެމްޑީޕީގެ ޖަގައެއްގެ ގޮތުގައި ބޭނުންކުރާ ގެސްޓްހައުސްއެއްގައެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ އެގެސްޓު ހައުސް ކައިރިއަށް އެއްވެ، އިންތިޚާބަށް ނުފޫޒު ނުފޯރުވުމަށް ގޮވާލާފައެވެ.
ފޯކައިދޫ މީހުން ބުނަމުންދަނީ އިލެކްޝަނާއި ބައްދަލުކުރީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުސެއިން (ބިގޭ) ކަމަށެވެ. ފޯކައިދޫގައި އިލެކްޝަން އޮފިޝަލުން ތިބެނީ ސަންސެޓް ގެސްޓްހައުސްގައެވެ. މިގެސްޓް ހައުސްއަކީ އެމްޑީޕީގެ ހަރުގެއެއްގެ ގޮތުގައި އެރަށު ޕީޕީއެމް މީހުން ދަނީ ސިފަ ކުރަމުންނެވެ.
އީސީގެ އޮފިޝަލުން ތިބި ގެސްޓް ހައުސްއަށް ވަން މީހުންގެ ތެރޭގައި ކެމްޕޭނަށް އެ ރަށަށް ދިޔަ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެއް ވެސް ހިމެނެއެވެ. ވޯޓުގެ މަސްލަހަތު ގެއްލުވާލައިފި ކަމަށް ބުނެ އެމްޑީޕީގެ ސަޕޯޓަރުން ދަނީ އޭނާ އެ ރަށުން ބޭލުމަށް އެދި ނުރުހުންފާޅުކުރަމުންނެވެ.
ގެސްޓުހައުސްކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވުމުން ފުލުހުންވެސް ވަނީ އެސަރަހައްދަށް ގޮސް މީހުން ދުރަށް ޖައްސައި، އިލެކްޝަން އޮފިޝަލުންނަށް ހިމާޔަތް ދީފައެވެ. މިމައްސަލާގައި އިދިކޮޅު ޕީޕީއެމުން ބުނެފައިވަނީ އިލެކްޝަންގެ އޮފިޝަލުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ބައްދަލު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އިންތިޚާބު މާދަމާ އޮއްވާ އިލެކްޝަންގެ އޮފިޝަލުންނާއި މެމްބަރުން ބައްދަލު ކުރި މައްސަލަ މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ރިޕޯޓްކޮށްފައިކަމަށް އިދިކޮޅު ޕީޕީއެމުންވަނީ ބުނެފައެވެ.
ނަމަވެސް އެރަށު އެމްޑީޕީ މެމްބަރުން ދަނީ މިކަން ދޮގުކުރަމުންނެވެ. ފޯކައިދޫ އެމްޑީޕީ މެމްބަރުން ބުނަމުންދަނީ މަސްލަހަތު ނަގާލީ ޕީޕީއެމްގެ މެމްބަރުންކަމަށެވެ. އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރަކު އިލެކްޝަން އޮފިޝަލުންނާއި ބައްދަލުކޮށްފައި ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.