ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިޚާބުގައި ކޮންމެ ކެނޑިޑޭޓަކު އިންތިޚާބުވިނަމަވެސް، މިހާރު ފެށިފައިވާ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކޮމަންޑޫގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސް ޞާލިހުވަނީ މިއީ ސަރުކާރަށް މުހިންމު އިންތިހާބެއްކަމަށް ވިދާޅުވެފައެވެ. ކޮމަންޑޫ ރައްޔިތުން ހިޔާރުކުރަންވީ އެމްޑީޕީގެ ކެންޑިޑޭޓު ރާޝީދު ކަމަށާއި 'ދެރަ ގޮތެއް' ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ދާއިރާއަށް ކުރިމަތިލައްވާފައި ތިބި އިހްލާސްތެރި ދެ ބޭފުޅުން. އަޅުގަނޑު އިހްތިރާމް ކުރަން އެ ދެ ބޭފުޅުންނަށް. އެހެން ނަމަވެސް ދާއިރާގެ ތަރައްގީއަށްޓަކައި، ދާއިރާގެ ކުރިމަގަށްޓަކައި ސަރުކާރާ އެކީ ރާޝިދާ އެކު ކުރިއަށް ވަޑައިގަތުން. ހިޔާލުތައް އެކަހެރި ކުރައްވައި، ވިސްނުންތައް ދުރުކުރައްވާ. މި ވިސްނުމައިގެން [އެމްޑީޕީއަށް ވޯޓު ދިނުމުގެ ވިސްނުން] ކޮމަންޑޫގެ ރައްޔިންތުން ކުރިއަށް ވަޑައިގަންނަވާ. ތަރައްގީ އާއި ކުރިއެރުން އޮންނާނީ އޭރުން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަތަކާއި ގުޅިގެން ރިޔާޒު ވިދާޅުވީ ކޮމަންޑޫގައި މިހާރު ފެށިފައިވާ އެއްވެސް ޕްރޮޖެކްޓެއް އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތަކުން ނުހުއްޓުވޭނެކަމަށެވެ. ކޮންމެ ބޭފުޅަކު އިންތިޚާބުވިޔަސް އެކަންކަން ކުރިއަށް ދާނެކަމަށެވެ. އަދި އަމުދުން އެމްޑީޕީގެ ކެނޑިޑޭޓު އިންތިޚާބު ނުވުމުން، ޕްރޮޖެކްޓްތައް ހުއްޓާލައިފިނަމަ 2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަމަށް ރިޔާޒު ވިދާޅުވިއެވެ.
މީގެކުރިން ރައީސް ވިދާޅުވެފަވަނީ ތަފާތު ކުރުމެއްނެތި ހުރިހާ ރަށެއްގަވެސް މަޝްރޫއުތައް ހިންގާނެކަމަށް! ކޮންމެ މީހަކު އިންތިހާބު ކުރިނަމަވެސް ޕްރޮޖެކްޓްތައް ކުރިޔަށްދާނެ. އެއްވެސް ޕްރޮޖެކްޓެއް ހުއްޓައިފިނަމަ 2023 ރިޔާސީ އިންތިޚާބުގަ ރައްޔިތުން MDPއަށް ބޮޑުތަނުން ނޫނެކޭ ބުނާނެ!
– ރިޔާޒު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބާއި ދިމާކޮށް ސަރުކާރުން ވަނީ ބޮޑެތި ގިނަ މަސައްކަތްތަކެއް ފަށާފައެވެ. ބަޖެޓުގައި 80 މިލިޔަން ރުފިޔާގެ ބަޖެޓެއް އޮތްނަމަވެސް މިދާއިރާއަށް މިވީ އެއްމަސް ދުވަހުގެ ތޭރޭގައޮ 240 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އިންތިޚާބާއި ދިމާކޮށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާއިރު، މިއީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.