އެމްޑީޕީއަށް ތާއީދު ނުކުރަމޭ ބުންޔަސް، އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ގޮތްޕެއް: ސައުދޫން

އެމްޑީޕީއަށް ތާއީދު ނުކުރަމޭ ބުންޔަސް، އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ގޮތްޕެއް: ސައުދޫން

Author
މުޙައްމަދު ޝަޒައިމް
03 ފެބްރުއަރީ 2022 08:00
0

އަދާލަތު ޕާޓީން އެމްޑީޕީއަށް ތާއީދު ނުކުރާކަމަށް ބުނިނަމަވެސް، އެޕާޓީއަކީ އެމްޑީޕީގެ ގޮތްޕެއް ކަމުގައި ދީނީ އިލްމުވެރިޔާ އަބްދުﷲ ސައުދޫން ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީން އެކި އިންތިޚާބުތަކުގައި އަމަލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން ސައުދޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީން އެކި ހާލަތްތަކުގައި އެމްޑީޕީއަށް ތާއީދު ނުކުރާކަމަށް ބުނިނަމަވެސް އެކަން ފެންނާކަމަށް ނެތްކަމަށެވެ. ކޮންމެ އިންތިޚާބެއްގައި އަދާލަތު ޕާޓީ ފެނިގެންދަނީ އެމްޑީޕީގެ ފަހަތުން އެޕާޓީއަށް ތާއީދުކޮށް، ކެމްޕެއިން ކުރަމުންދާ ތަންކަމަށާއި، މިސަބަބުތަކަށްޓަކައި އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ގޮތްޕެއްކަމުގައި ބުނުމުގެ ފުރުސަތު އޮތްކަމަށެވެ.

ކިތަންމެ ވަރަކަށް އެމްޑީޕީއަށް ތާއީދު ނުކުރަމޭ ބުންޔަސް، އަދާލަތު ޕާޓީ އަކީ އެމްޑީޕީގެ ގޮތްޕެއް! އޭގެ ހެކި ކޮންމެ އިންތިޚާބަކުން ފެނޭ. ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބާއި، ކައުންސިލް އިންތިޚާބާއި، މީގެ އިތުރުން ކުރިއަށް މިއޮތް އިންތިޚާބުވެސް އެމްޑީޕީއަށް ކެމްޕެއިން ކޮށްދިނުމުގައި މިވަނީ.

– ޝައިޚު ސައުދޫން ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައިވެސް އަދާލަތު ތާއީދު ކުރަން ނިންމާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓަށެވެ. އެޕާޓީން ބުނެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައިވާތީ ކަމަށެވެ. އަދާލަތު ޕާޓީގެ އިސްވެރިން ގެންދަވަނީ މިކެމްޕެއިންގައި ވަރަށް ބޮޑަށް ބައިވެރިވަމުންނެވެ. މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައިވެސް އެމްޑީޕީގެ އިސްބޭފުޅުންނާއިއެކު އަދާލަތު ޕާޓީންވެސް ވަނީ ބައިވެރިވެފައެވެ.

އަދާލަތު ޕާޓީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީންވެސް ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދުކުރުމަށް ނިންމާފައެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމްއިން ވަނީ ވަކި ކެނޑިޑޭޓަކަށް ތާޢީދުނުކޮށް، ރައްޔިތުންގެ ވިސްނުމުގައި އެންމެ ރަނގަޅު ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް އިލްތިމާސްކޮފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޔ ޔެ
ޝައިޙްގެ ނަން ނުބައި. ރަނގަޅު ގޮތަކީ ޝައިޚް ސަޢްދާން*