މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމާފައިވާ ނިންމުމަށް އަމަލީ ސިފަ ގެނައުމުގެ ގޮތުން، ހުޅުމާލެއާއި، ގުޅީ ފަޅުންނާއި، ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް ނިންމާފައިވާކަން ރައީސް އިބުރާހިމް މުހައްމަދު ސާލިހު ހާމަ ކުރައްވައިފިއެވެ.
ރައީސް ސާލިހު މިކަން ހާމަ ކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއަދު ހެނދުނު 9:00 ރައްޔިތުންގެ މަޖިލިހުގައި އޮތް ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައިސް ސާލިހު ވިދާޅުވެފައިވަނީ، ބޯހިޔާވަހި ކަމުގައި މާލޭގެ ރަށްޔިތުންނަށް އޮތް ދައްޗާއި ތަކުލީފް ވަނީ އޭގެ ނިހާޔަތުގައި ކަމަށެވެ. އަދި މާލޭގެ ސަރަހައްދުގެ ބޯހިޔާވަހި ކަމާއި ގުޅޭގޮތުން ކުރެވުނު ކަންތައްތަކަށްވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިހުސާސް އަބަދުވެސް ކުރެއްވޭ ކަމަށްވެސް މިއަދުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.
މިގޮތުން މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، ހުޅުމާލެއިން މަދުވެގެން 1،000 ގޯއްޗާއި، ގުޅިފަޅުން މަދުވެގެން 2،000 ގޯއްޗާއި، ދޭން ހަމަޖައްސަވާފައިވާ ކަން ރައީސް ސާލިހު އިއުލާން ކުރެއްވިއެވެ. އަދި އޭގެ އިތުރުން، ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2،000 ގޯތި މާލޭގެ ރަށްވެހިންނަށް ދޫކުރައްވާނެކަމަށްވެސް ރައިސް ސާލިހު ވިދާޅުވިއެވެ. ރައިސް ސާލިހު ވިދާލުވި ގޮތުގައި ގިރާވަރު ފަޅަކީ ތިލަމާލެ ބުރިޖް އެދާގޮތަށް ގޮސް ގުޅާލެވޭނެ ތަން ކަމުގައެވެ.
ރައީސް ސާލިހު ވިދާޅުވީ، އެމަނިކްފާނުގެ ރިޔާސީ ދައުރު ނިންމަވާނީ، އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމާ، ބިން ކަނޑާ ގޯތީގެ ފަތް ދިނުމަށް ފަހުގައި ކަމަށެވެ.
މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ، އެންމެ ފަހުން އިއްވެވި ރިޔާސީ ބަޔާނުގައި މަސަައްކަތް ފައްޓަވާނެކަމަށް ވިދާޅުވި 5،000 ގައުސިން ޔުނިޓްގެ މަސައްކަތް މިހާރު ހުޅުމާލޭގައި ކުރިޔަށް ދާކަމުގައެވެ. އަދި އޭގެ އިތުރުން 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިޔަށް އޮތް ތަނުގައި ހުޅުމާލޭގައި ފެށޭނެ ކަމުގައެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ސާލިހުވަނީ، ސަރުކާރުން މިހާތަނަށް ކުރިޔަށް ގެންދަވާފައިވާ ތަރައްގީގެ މަޝްރޫޢުތަކުގެ ތަފްސީލުތައް ހާމަ ކުރައްވަމުން، ކުރިޔަށް އޮތް ތަނުގައި ސަރުކާރުން ކުރިޔަށް ގެންދަވާނޭ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށާއި އަދި ރައްޔިތުންގެ ދުޅަހެޔޮކަމަށް ސަރުކާރުން ތަންފީޒު ކުރައްވާނެ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.
މިއީ ރައީސް އިބުރާހިމް މުހައްމަދު ސާލިހު ރައްޔިތުންގެ މަޖިލިހަށް އިއްވަވާ 4 ވަނަ ރިޔާސީ ބަޔާނެވެ.