ހިޔާ ފްލެޓްތައް ސާފުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމަށް ބަޔަކާއި ހަވާލުކޮށްފި

ހިޔާ ފްލެޓްތައް ސާފުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމަށް ބަޔަކާއި ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ސާފުކުރުމާއި ސެކިއުރިޓީ ކަންކަން ބެލެހެއްޓުން ބަޔަކާއި ހަވާލުކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ "ވަށި ޕްރައިވެޓް ލިމިޓެޑް" އާއެވެ. އަދި ފްލެޓްތައް ސާފުކުރުމުގެ މަސައްކަތް އެ ކުންފުނިން ވަނީ 4 ބަޔަކާއި ހަވާލުކޮށްފައެވެ. މިގޮތުން ހަވާލުކޮށްފައިވަނީ އެލް.އެމް އެންޓަޕްރައިސަސް، ޕާމް ގްލޯ، ލެރޯ އިންވެސްޓްމަންޓް އަދި ކޭ.އެސް.އޭ މޯލްޑިވްސްއާއެވެ.

އެޗްޑީސީން ބުނީ ހިޔާގެ 16 ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކާއި އެފަދަ ކަންކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެ ފްލެޓްތަކުގައި މި މަހުން ފެށިގެން، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ސެކިއުރިޓީ ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ސެކިއުރިޓީ ގާޑުން ހަރަކާތްތެރިވާނީ ހިޔާގެ ބޭސްމަންޓާއި ޕާކިން އަދި ގްރައުންޑް ފްލޯތަކުގައި ކަމަށާއި އަދި ސީސީޓީވީ މެދުވެރިކޮށް ފްލެޓްތަކުގެ އެހެން ތަންތަންވެސް ގަވާއިދުން ބަލަމުންދާނެ ކަމަށާއި އެތަންތަނުގައި ދިރިއުޅޭ މީހުންނާއި މެނޭޖްމަންޓުން ހުށަހަޅާ ސެކިއުރިޓީއާ ގުޅުން ހުރި މައްސަލަތައްވެސް ބަލަމުންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާ ފްލެޓްގެ މަގުތައް އަދި އެއްކޮށް ނިމިފައި ނުވުމާއިއެކު ކޮންސްޓްރަކްޝަން މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މިކަމުގެ ސަބަބުން ވަށައިގެންވާ ސަރަޙައްދު ހަޑިވެ، ފްލެޓްތަކުގައި ދިރިއުޅޭ އާންމުންގެ ފަރާތްތަކަށް އުނދަގޫތައް ވަނީ ކުރިމަތިވެފައެވެ.

މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 12:00 އާ ހަމައަށް ޓަވަރުތައް ސާފުކުރުމުގެ މަސައްކަތް ކުރާނެކަމަށާއި ސަރަޙައްދުގެ ސާފުކަން ޔަގީންކުރުމުގެ ގޮތުން ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ސާފުކުރުމުގެ ބޮޑު ޕްރޮގްރާމެއްވެސް ކުރިއަށްދާނެކަމަށް އެޗްޑީސީން ބުނެއެވެ. ހިޔާ ފްލެޓްތައް ސާފުކުރުމުގައި 4 ސަރަޙައްދެއް ވަކިކޮށް އެތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *