ވޯޓުގެ ބޮޑުބައި ގުނާ ނިމި، ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް ޖޯ ބައިޑްން އިންތިޚާބު ކާމިޔާބު ކުރާނެކަން ޔަގީން ވެފައި ވީނަމަވެސް، ބައިޑްން އިންތިޚާބުގެ ކާމިޔާބީ އިއުލާ ކޮށްފިނަމަ، ޓްރަމްޕްވެސް އިންތިޚާބު ކާމިޔާބު ވެއްޖެކަން އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅު ވެއްޖެއެވެ.
ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އިންތިޚާބުނިމި ފުރަތަމަ ދުވަހުގެ ނަތީޖާއިން ގިނަ ފޮށިތަކުގައި އޭނާ އުޅުނީ ބޮޑުތަނުން ކުރީގައެވެ. އެހެންނަމަވެސް، މި ނަތީޖާތަކަށް ކުއްލިއަކަށް ބަދަލު އައުމަކީ މުޢުޖިޒާތެއްފަދަ ކަމެއްކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އޭނާގެ ގާނޫނީ ޓީމުން މިހާރު ފަށާފައިވާ މަސައްކަތުން މިކަންކަން ވަރަށް ރަގަޅަށް ސާފުވެގެންދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އަދި ޓްރަމްވަނީ، ނަތީޖާއާއިމެދު ގޮތެއް ނުނިމެނީސް އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން އިއުލާން ނުކުރުމަށް ޖޯ ބައިޑްންއަށް އިންޒާރު ދީފައެވެ. އަދި އެފަދަ ހާލަތެއްގައި އޭނާވެސް އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން އިޢުލާން ކުރައްވާނެކަމުގެ އިންޒާުރުވެސް ދެއްވިއެވެ.
ޓަރަމްޕް ވިދާޅުވި ގޮތުގައި އިންތިޚާބުގައި މަކަރު ހަދާ އޮޅުވާލާފައިވާ މައްސަލައާއި ދެކޮޅަށް އޭނާ ކުރައްވާ ގާނޫނީ މަސައްކަތް އަދި ކިރިޔާ ފެށުނީއެވެ.
ރިޔާސީ އިންތިޚާބު ބޮޑުތަނުން އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވަމުން ގެންދަވާއިރު، އެންމެ ވާދަވެރިކޮށް އޮތް ޕެންސިލްވޭނިއާ ސްޓޭޓްވެސް ބައިޑްން ވަނީ ކާމިޔާބު ކުރައްވާފައެވެ. މިސްޓޭޓް ބައިޑްން ކާމިޔާބު ކުރުމާއިއެކު، މިސްޓޭޓްގެ 20 އިލެކްޓޯރަލް ވޯޓު ޓްރަމްޕަށް ގެއްލި، އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ 270 ވޯޓާއި ހަމައަށް ދަތުރު ކުރެވޭނެ ކަމުގެ ޔަގީންކަން ބައިޑްންއަށް މިހާރު ވަނީ ލިބިފައެވެ.
އެހެންނަމަވެސް ގަބޫލު ކުރެވޭ ގޮތުގައި އިންތިޚާބުގެ ކާމިޔާބީ އިއުލާން ނުކޮށް ބައިޑްން މަޑުކުރައްވަނީ، މިހާރު ވޯޓު ގުނާނުނިމިވާ ސްޓޭޓްތަކުގެ ހުރިހާ ވޯޓެއް ގުނާ ނިމެންދެނެވެ. އެހެންނަމަވެސް މި ހުރިހާ ސްޓޭޓެއްގައިވެސް ކުޑަ ތަފާތަކުން ކުރީގައި އުޅުއްވަނީ ބައިޑްންއެވެ. އަދި މިހާރު ގުނާނުނިމި ހުރި ވޯޓަކީ ހަމައެކަނި ޕޯސްޓުން ލާފައިވާ ވޯޓުތައް ކަމަށްވާތީ ކުރިޔަށް ގުނަންހުރި މަދު ވޯޓުތަކެއް ގުނާ ނިމޭއިރުވެސް ބައިޑްން ފަހަތަށް ހިގައިދާނެ ކަމަށް ނުބެލެވެއެވެ. ސަބަބަކީ އިންތިޚާބުގެ ދުވަހުގެ ކުރިން ވޯޓުލީ މީހުންގެ ބޮޑު މެޖޯރިޓީއއަކުން މިހާތަނަށް ބައިޑްން ހޯއްދަވާފައިވުމެވެ.
ނަތީޖާތައް ދައްކާގޮތުން ދުރާލާ ވޯޓު ލާފައިވާ މީހުންގެ ޖުމްލަ %70 ވޯޓު ބައިޑްން ކާމިޔާބު ކުރައްވާނެއެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ބައިޑްން މިހާރު ތައްޔާރު ވެވަޑައިގަންނަވަމުން ގެންދަވަނީ އެމެރިކާގެ ރައްޔިތުންނާއި މުޚާތަބުކޮށް އިންތިޚާބު ކާމިޔާބު ވެއްޖެކަން އިއުލާން ކުރެވުމަށެވެ.
އިންތިޚާބުގެ ކާމިޔާބީ ވަރަށް އަވަހަށް ޖޯބައިޑްން އިއުލާންކުރާނެ ކަމަށް ބަލާ، އެމެރިކާގެ ސީކްރެޓް ސާވިސްގެ ފުރިހަމަ ރައްކާތެރިކަމުގެ ދަށަށް ބައިޑްން ގެނައުމުގެ މަސައްކަތް ސީކްރެޓް ސާވިސްއިން ފަށާފައިވާ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނަމުން ދެއެވެ.
މި އިންތިޚާބު ޖޯބައިޑްން ކާމިޔާބު ކުރައްވައިފިނަމަ ބައިޑްން ވެގެންދާނީ މުޅި އެމެރިކާގެ ތާރީޚުގައިވެސް އެންމް ގިނަ ވޯޓު ހޯއްދަވައިގެން އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅާއަށެވެ. މިއީ މިހާތަނަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދަމަހައްޓަމުން އައި ރެކޯޑެކެވެ.
ބައިޑްން އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވެގެން ދިއުން ވެގެންދާނީ މީގެ 30 އަހަރު ކުރިން ފެށިގެން އޭނާ ދެކެމުން އައި ހުވަފެނުގައި ހަގިގީ ކުލަ ޖެހިގެންދާ ދިއުމެއްގެ ގޮތުގައެވެ.