އެއްގޮތަކަށްވެސް ވީއައިޕީ ލައުންޖު ބޭނުން ނުކުރަނީ 8 މެމްބަރުން

އެއްގޮތަކަށްވެސް ވީއައިޕީ ލައުންޖު ބޭނުން ނުކުރަނީ 8 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވީއައިޕީ ދަތުރުތަކަށް ކުރާ ހަރަދުގެ ގޮތުގައި މިދިޔަ ތިން އަހަރު ތެރޭގައި ޖުމްލަ 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ވަކާލާތުކުރާ އެކްޓިވިސްޓް އައިމަން ލަތީފް އާންމުކުރި އެ މައުލޫމާތުތަކުން މަޖިލިސް މެމްބަރުންގެ ވީއައިޕީ މޫވްމެންޓްސްތަކަށް ޖުމްލަ 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ދައްކައެވެ.

ރައްޔިތުންގެ މަޖިލީހުން އައިމަންއާއި، ހިއްސާކޮށްފައިވާ އެ މައުލޫމާތުން އެނގޭ ގޮތުގައި, މިދިޔަ ތިން އަހަރު ތެރޭ މެންބަރުންގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް ވީއައިޕީ ލައުންޖުން ހިދުމަތް ދޭން 498,682 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އެކުވެރިންނަށާއި އެހެނިހެން އާއިލާގެ މެންބަރުންނަށް ހިދުމަތް ދޭން 435,769 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ހަރަދުތަކުގެ ތަފުސީލު:
2019 ވަނަ އަހަރު:
އަނބިން/ ފިރިން/ ދަރިން : 183,189.6ރ.
އާއިލާ/ ރައްޓެހިން : 294,213.6ރ.

2020 ވަނަ އަހަރު:
އަނބިން/ ފިރިން/ ދަރިން : 115.650ރ.
އާއިލާ/ ރައްޓެހިން : 141,555.6ރ.

2021 ވަނަ އަހަރު:
އަނބިން/ ފިރިން/ ދަރިން : 199,843.2ރ.
އާއިލާ/ ރައްޓެހިން : އެއްވެސް ދަތުރެއް ކޮށްފައެއް ނުވޭ.

ރައްޔިތުންގެ މަޖިލީހުން ހިއްސާކޮށްފައިވާ އެ މައުލޫމާތުން އެނގޭ ގޮތުގައި, އަށް މެންބަރަކު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން އެއްވެސް ގޮތަކަށް ހިދުމަތް ހޯއްދަވާފައި ނުވެއެވެ.

އެއަށް މެމްބަރުންނަކީ:

1. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު (އެމްޑީޕީ)
2. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (އެމްޑީޕީ)
3. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (އެމްޑީޕީ)
4. ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް (އެމްއެންޕީ)
5. ތިނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު (އަމިއްލަ)
6. ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް (އެމްޑީޕީ)
7. ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު (އެމްޑީޕީ)
8. ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު (އެމްޑީޕީ)

 

ވަކިވަކި މެމްބަރުންނަށް ބަލަލާއިރު 50،000 ރުފިޔާއިން މަތީގެ އަދަދެއް ހަރަދުކޮށްފައިވަނީ ޖުމްލަ ނުވަ މެމްބަރުންނެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ހަރައް ކޮށްފައިވަނީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ. ދަތުރުތަކަށް އެންމެ ބޮޑު ހަރަދެއް ކުރެއްވި މެމްބަރު ނާޒިމް ވަނީ ޖުމްލަ 103،642 ރުފިޔާ ހަރަދުކޮށްފައެވެ. ތިން އަހަރު ތެރޭގައި މެމްބަރު ނާޒިމްގެ ދަތުރުތަކުގެ ވީއައިޕީ މޫވްމަންޓް ތެރޭގައި އަނބިދަރިންގެ 44 ދަތުރު، އާއިލާއާއި އެކުވެރިން ހިމެނޭ 30 ދަތުރު އަދި ނާޒިމް ކުރެއްވި 38 ދަތުރު ހިމެނެއެވެ.

ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ދަތުރުތަކަށް ކޮށްފައިވަނީ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫންއެވެ. ގައްސާންގެ ހަރަދަށް 87،894 ރުފިޔާ ހޭދަކޮށްފައިވެއެވެ. ގައްސާންގެވެސް އާއިލާ އާއި ރަހުމަތްތެރިން ހިމެނޭ 41 މޫވްމަންޓެއް ރެކޯޑްކޮށްފައިވާއިރު، އޭގައި ގައްސާން ކުރެއްވި 32 މޫވަމްންޓެއްވެސް ހިމެނެއެވެ.

ތިންވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ވީއައިޕީ ދަތުރުތަކަށެވެ. އެއީ 86،043 ރުފިޔާއެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޖާބިރުގެ 43 މޫވްމަންޓާއި، އަނބިދަރިންގެ 4 މޫވްމަންޓް އަދި އާއިލާއާއި އެކުވެރިންގެ 46 މޫވްމަންޓެވެ.

މަޖިލީހުގެ އިތުރު ހަ މެމްބަރަކުވެސް ވަނީ މިދިޔަ ތިން އަހަރު ތެރޭގައި ވީއައިޕީ މޫވްމަންޓްތަކަށް 50،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކޮށްފައެވެ.

އެމެމްބަރުންނަކީ:
1. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން
2. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް
3. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
4. ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް
5. ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު
6. ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި ކޮމިޓީ އެލަވަންސްއާއި، ލިވިން އެލަވަންސް ހިމަނައިގެން 80،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 42،500 ރުފިޔާއާއި، ލިވިން އެލަވަންސް ގެ 20،000 ރުފިޔާ އަދި ކޮމިޓީ އެލަވަންސްގެ 20،000 ރުފިޔާއެވެ. ވީއައިޕީ މޫވަމަންޓްތަކަށް ހިނގާ ހަރަދަކީ މުސާރައިގެ ބޭރުން ދައުތަލުގެ ބަޖެޓުން މަޖިލިސް މެމްބަރުންނަށް ހަމަޖައްސާދީފައިވާ އިނާޔަތެކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކީކޭ ދެން ބުނާނީ؟ ރައްޔިތުންގެ ފައިސާ އިން ރައްޔިތުން މަހުރޫމު ކޮށްފަ މިބައިގަނޑު އެ ފައިސާ ކޮޅު މަޅާލަނީ

Leave a Reply

Your email address will not be published. Required fields are marked *