ޝަރުއީ ނިޒާމަށް އަތްބާނައި، ނުފޫޒު ފޯރުވާ މައްސަލަ ޖުޑީޝަރީ ކޮމެޓީން ބަލައިދޭން އެދިއްޖެ

ޝަރުއީ ނިޒާމަށް އަތްބާނައި، ނުފޫޒު ފޯރުވާ މައްސަލަ ޖުޑީޝަރީ ކޮމެޓީން ބަލައިދޭން އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
31 ޖެނުއަރީ 2022 08:44
0

ސަރުކާރުން ޝަރުއީ ނިޒާމަށް އަތްބާނައި، ނުފޫޒު ފޯރުވާ މައްސަލަ ބަލުމަށް ޖުޑީޝަރީ ކޮމެޓީގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެދިއްޖެއެވެ.

ރައީސް ޔާމީނަށް ކުރާ ޝަރީއަތްތަކުގެ ހުކުމް ކުރުން ކުއްލިއަކަށް އަވަސް ކުރުމަށް ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް، ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މ.އާރަށް މައްސަލާގައި އުފުލާފައިވާ ދެ ދަޢުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން 27 ޖަނަވަރީ 2012 ގައި ބޭއްވުނު އަޑުއެހުމުގައި އެކުލަވައިލި ތާވަލަށް ބޮޑު ބަދަލެއް ގެނެސް އެމައްސަލަގައި މިއަހަރުގެ ޖޫން މަހު ހުކުމްކުރާގޮތަށް ސަރުކާރުގެ ނުފޫޒުން މިހާރު މިވަނީ ނިންމާފައިކަމަށެވެ.

ދައުވާގެ އަޑުއެހުންތައް ނިންމައި ހުކުމްކުރުން މީގެ ކުރިން އެކުލަވައިލި ތާވަލުގައިވާ ގޮތުން އޮތީ މިއަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަށް ކަމަށާއި، މިކަން މިގޮތަށް ކޮށްފައިވާއިރު އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ އުފުލިފައިވާ މި ސަރުކާރުގެ ޔޫތް މިނިސްޓަރ އަޙްމަދު މަހްލޫފުގެ ޝަރީޢަތް ކޯވިޑް 19 އާއި ގުޅިގެން މިވަނީ ފަސްކޮށްފައިކަމަށެވެ.

ކޯޓުތަކުން ކުރާ ޝަރީޢަތަކީ ހުރިހާ ފަރާތްތަކަކަށްވެސް އަދުލުވެރިކަމާއި އިންސާފުވެރި ކަމާއެކު ކުރެވޭ ޝަރީޢަތްތަކަކަށް ވާންޖެހޭއިރު، މިހާރު ފެނިގެން މިދަނީ ސަރުކާރުން ކޯޓުތަކުގެ ތެރެއަށް އަތްބާނާ، ރައީސް ޔާމީންގެ ޙައްޤުތަކަށް އަރައިގަނެ ޤާނޫނު އަސާސީގެ 20ވަނަ މާއްދާގައި ބުނާ ހަމަހަމަކަމުގެ ހައްގު ނިގުޅައިގަންނަމުންދާތަން ކަމަށް ޝިޔާމްގެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފުގެ ކޮރަޕްޝަންގެ މައްސަލަ ކުރިއަށް ނުގެންގޮސް، ރައީސް ޔާމީނުގެ މައްޗަށް ސިޔާސީ ދައުވާ އުފުލާ، ޝަރީޢަތަށް އަތްބާނަން، ޖޭއެސްސީ ހައިޖެކްކޮށްގެން އުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބައްލަވާ ދެއްވުމަށް ޝިޔާމް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.