ރައީސް ޔާމީންގެ ޝަރީއަތް ކުއްލިއަކަށް އަވަސްކުރަން ޖުހުނު ސަބަބު އޮޅުންފިލުވަން އެދިއްޖެ

ރައީސް ޔާމީންގެ ޝަރީއަތް ކުއްލިއަކަށް އަވަސްކުރަން ޖުހުނު ސަބަބު އޮޅުންފިލުވަން އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
31 ޖެނުއަރީ 2022 08:11
0

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދެ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން އަވަސް ކުރި ސަބަބު ސާފްކޮށް، އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ މުއައްސަސާތަކަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސަރުކާރާއި އެމް.ޑީޕީ ގުޅިގެން އުފައްދާފައިވާ ދެ ދައުވާގެ ޙުކުމް ކުރުމަށް ކްރިމިނަލް ކޯޓުން އެކުލަވާލާ ޢާންމުކޮށްފައިވާ ތާރީޚް އަވަސް ކުރުމަށް ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮސް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދެފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެނދިއުމަށް އެކުލަވާލެވޭ ތާރީޚްތަކަށް، އެ ދެފަރާތާއި މަޝްވަރާ ކުރުމެއް ނެތި ބަދަލު ގެނައުމަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި މުޅިން ޚިލާފު ކަމެއްކަމަށެވެ

އަދި މިހާރު އޮތް ގޮތުން ކުރިއަށް އޮތް 3 މަހެއްހާ ދުވަހު ކޮންމެ ދެދުވަހަކުން އެއްދުވަހަކުހެން ކަހަލަ ގޮތަކަށް އެމަނިކުފާނު ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ މިމައްސަލައިގެ އަޑު އެހުންތަކުގައި ކޯޓުގައިކަމަށް ވަނީ ބުނެފައެވެ.

ދަށު ކޯޓުތަކާއި ހައި ކޯޓުގައި ހިނގާ މައްސަލަތަކަށް ސަރުކާރުގެ އިސްވެރިންނާއި އެމް.ޑީ.ޕީ ގެ ފަރާތުން ނުފޫޒު ފޯރުވާ އަތްބާނައިގެން އެމީހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މި މައްސަލަ ކުރިއަށް ގެންދިއުމަށް އެކުލަވާލި ތާވަލަށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބެއް ސާފުކޮށް އެކަމުގައި އަޅަން ޖެހޭ ފިކޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ މުއައްސަސާތަކަށް ގޮވާލަން.

– އިދިކޮޅު ބަޔާނުގައިވެއެވެ.

ހަމައެއާއެކު މިކަމަކީ ކަނޑައެޅިގެން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ނުފޫޒު އޮވެގެން ގެނެސްފައިވާ ބަދަލެއްގެ ގޮތުގައި ދިވެހި ރައްޔިތުން ސިފަ ކުރާކަމަށާއި، ދާދި ފަހުން ސަރުކާރުގެ ވަޒީރުންނާއި މަޖިލީސް މެންބަރުންގެ އިތުރުން، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި އެމް.ޑީޕީގެ އެކްޓިވިސްޓުން ސިޔާސީ ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގެ އިތުރުން ތަފާތު ފޯރަމް ތަކުގައި ވެސް ރައީސް ޔާމީން ހުންނަވަންޖެހޭނީ ޖަލުގައި ކަމަށާއި، ވަރަށް އަވަހަށް ޖަލަށް ލާނެ ކަމަށާއި މީގެ އިތުރުންވެސް މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ޖަލަށް ލާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކާ އެކަމަށް ބާރު އަޅާ މަސައްކަތް ކުރަމުން ދާކަންވެސް ވަނީ ހާމަވެފައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.